ފިރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށް އަދި ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ ވަގުތުން ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު ވަނީ ބަދަލުކޮށްފައެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީގެ 56 މެންބަރުންގެ ވޯޓުން މި އިސްލާހު ވަނީ ފާސްވެފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވަނީ މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ކުރިން މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ އޮތްގޮތުން ގަރާރެއް ހުށައެޅުމާއެކު ބަހުސްކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ވޯޓަށް އަހަނީ ބަހުސް މަރުހަލާ ނިމުމުންނެވެ.

މިހާރު ގަރާރެއް ހުށަހެޅުމާއެކު އެންމެ ފުރަތަމަ ވެސް ނަގާނީ އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓެކެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްނުވެއްޖެ ނަމަ، ބަހުސްކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބި އެ ގަރާރެއް ވަގުތުން ބާތިލުވާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށް ވެސް ދެން ގަރާރެއް ހުށައެއް ނޭޅޭނެއެވެ.