ގަދަ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ 3 ބައިކުޅަ 1 ބައި މިހާރު އޮތީ ފެނު އަޑީގައި ކަމަށް، އަވަށްޓެރި ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ، އެކަމުގެ އަސަރު، 4 މިލިއަނެއްހާ މީހުންނަށް ފޯރާފައިވާކަމަށް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާގެ އިސްވެރިޔާ އާރިފުއްޒަމާން ބޫއިޔާން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައަކީ ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިލާންޖެހޭ އެންމެ ގަދަ ވިއްސާރައަށް ވާނެ ކަމަށެވެ.

ބިންތިރި ގައުމެއްގެ ގޮތުގައި އޮތް ބަންގްލަދޭޝްގައި އެކި ކޮޅުކޮޅަށް، ގާތްގަނޑަކަށް 230 ކޯރެއް ހުރަސްކުރެއެވެ. މީގެ ތެރެއިން 53 ކޯރަކީ، އިންޑިއާއާއި ބަންގްލަދޭޝް ހިއްސާކުރާ ކޯރުތަކެކެވެ.

އަވަށްތަކާ ގެތަކުގައި ފެންބޮޑުވެފައިވާއިރު، 1.5 މިލިއަނެއްހާ މީހުންނަށް އެކަމުގެ އަސަރު ކުރަމުންދާކަމަށް ބޫއިޔާން ވަނީ ވިދާޅުވެފައެވެ.

ބޫއިޔާން ވިދާޅުވީ ހާލަތު އެންމެ ގޯސްވެއްޖެނަމަ، މުޅި ބަންގްލަދޭޝްގެ 40 ޕަސެންޓްގައި ފެންބޮޑުވެދާނެ ކަމަށެވެ.

ޚަބަރު ލިބޭ ގޮތުގައި ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް އަދިވެސް ދަނީ އުފުލެމުންނެވެ. ހާލުގައި ޖެހިފައިވާ ބައެއް މީހުން، އެމީހުންގެ ގެތަކާ ކައިރި ހިސާބުތަކުގައި ތިބެން ގަސްތުކޮށްފައިވާއިރު، 5000 އެއްހާ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ވަގުތަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށްވެސް ހަނގުރާމަ ކުރަންޖެހިފައިވާ ވަގުތެއް ކަމުން، ފެންބޮޑުވުމުގެ ހާދިސާތަކާއެކު އިތުރު ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.