އިނގިރޭސިވިލާތް ދޫކޮށް ސޫރިޔާއަށް ދަތުރުކޮށް، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުނު އިސްހާގު މުސްތޮފާއޫއީ، ސޫރިޔާގެ ޖަލެއްގައި މަރުވެއްޖެއެވެ.
ލަންޑަންގައި އުޅެ ބޮޑުވި މުސްތޮފާއޫއީ މަރާލީ ކަމަށާ، އޭނާ މަރާލާފައިވަނީ އޭނާ ބަންދުކޮށްފައި ހުރި ޖަލުން ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް މަސްދަރަކާ ހަވާލާދީ އިނގިރޭސި މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
އެހެން މަސްދަރަކާ ހަވާލާދީ ބީބީސީން ބުނީ، މުސްތޮފާއޫއީ މަރުވެފައިވަނީ އެކި ގައުމުތަކަށް ނިސްބަތްވާ އައިސިސް ގައިދީން ބަންދު ކޮށްފައި ތިބޭ ހައްސާކީ ޖަލުގައި ހިންގި ވަރުގަދަ ހަމަނުޖެހުންގަނޑެއްގައި ކަމަށެވެ.
މުސްތޮފާއޫއީ މަރުވި ސަބަބު، ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިދިޔަ އަހަރު ހައްޔަރުކުރި، އުމުރުން މުސްތޮފާއޫއީ ބަންދުގައި ހުރީ، ކުރިދީން އިސްވެ ކޮންޓްރޯލް ކުރަމުންދާ ސޫރިޔާގެ އިރު އިތުރުގެ ސަރަހައްދެއްގެ ޖަލެއްގައެވެ. މި ސަރަހައްދު ބަލަހައްޓަމުން ދަނީ، އެމެރިކާގެ އެއްބާރުލުން ލިބިފައިވާ ސީރިއަން ޑިމޮކްރަޓިކް ފޯސަސްއިން ކަމަށްވާއިރު، މުސްތޮފާއޫއީ ހިމެނެނީ އެސްޑީއެފްގެ ބާރުގެ ދަށުގައި ތިބި އިނގިރޭސި 10 ފިރިހެނުންގެ ތެރޭގައި ކަމަށް މަސްދަރުތަކުން ބުނެއެވެ. އެސްޑީއެފްގެ ބެލުމުގެ ދަށުގައި، އިނގިރޭސިވިލާތަށް ނިސްބަތްވާ 30 އަންހެނަކުވެސް ތިބިކަމަށް ޚަބަރު ލިބެއެވެ.
މުސްތޮފާއޫއީ ހައްޔަރުކޮށްފައި ހުރި ޖަލަކަކީ މީގެ ކުރިން ސްކޫލް އިމާރާތެކެވެ. ނަމަވެސް، ތަފާތު އެކި ހަމަނުޖެހުންތަކާއެކު، އައިސިސް ގައިދީން ބަންދުކޮށްފައި ތިބި ޖަލުތަކުގެ ހާލަތު، މިއަހަރު އިންތިހާއަށް ގޯސް ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.
އެސްޑީއެފްއިން ބުނާ ގޮތުގައި ސޫރިޔާގެ ފަސްގަނޑުގައި ތިބި ބިދޭސީންގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކު ނިސްބަތްވާ ގައުމަކުންނެވެ. ނަމަވެސް ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އިނގިރޭސިވިލާތުން ވަނީ އައިސިސްއާ ގުޅުނު ހަނގުރާމަވެރިންގެ ރަށްވެހިކަން ބާތިލުކޮށްފައެވެ. ބައެއް ގައުމުތަކުން ވަނީ ސޫރިޔާއަށް ދިޔަ އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.
އަލްޖަޒާއިރުގެ އާއިލާއަކަށް ނިސްބަތްވާ މުސްތޮފާއޫއީގެ އާއިލާއިން އިނގިރޭސިވިލާތުގައި ވަޒަންވެރިވީ އޭނާގެ އުމުރުން އެންމެ 5 އަހަރުގައެވެ. އުމުރުފުރާ ކުދިންގެ މެދުގައި މަގުބޫލު މުސްތޮފާއޫއީގެ އާއިލާއަކީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅު އާއިލާއެއް ކަމަށް ވީ ނަމަވެސް، މިފަދަ ފިކުރުތަކެއް އޭނާއަށް ކުރިމަތިވާން ފެށީ ތައުލީމު ހާސިލުކުރި ދުވަސްވަރުގައި ކަމަށް ބުނެވެއެވެ. މުސްތޮފާއޫއީގެ އިނގިރޭސި ރަށްވެހިކަން ބާތިލުކުރީ 2018 ވަނަ އަހަރުއެވެ.