ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އާންމު ވާން ފެށި ފަހުން ފުރަތަމަ ފަހަރަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އާންމުންގެ ތެރޭގައި ފުރަތަމަ ފަހަރަށް މާސްކު ބޭނުން ކުރައްވަން ފައްޓަވައިފިއެވެ.

ޓްރަމްޕް މާސްކެއް ތުރުކުރައްވާފައިވަނީ، އަނިޔާ ލިބިފައިވާ އަސްކަރީ މެމްބަރުންނާ، ސިއްހީ ހިދުމަތްތެރިންނާ ބައްދަލު ކުރެއްވުމަށް، ވޯލްޓާ ރީޑް މިލިޓްރީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައެވެ.

މާސްކުގައި ވައިޓްހައުސްއިން ނިކުމެވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، މާސްކާ ދެކޮޅީކީ ނޫން ކަމަށާ، ނަމަވެސް، މާސްކު ބޭނުން ކުރަންޖެހޭ ވަގުތާ ހާލަތެއް އޮންނަ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"ހޮސްޕިޓަލަކަށް ދާއިރު، ވަކިން ހާއްސަކޮށް އަސްކަރިއްޔާގެ ގިނަ މެމްބަރުން ތަކަކާ ވާހަކަ ދައްކާ، ހަމަ ދެންމެ އޮޕަރޭޝަން ތިއޭޓަރުން ނިކުތް ސިއްހީ ހިދުމަތްތެރިންތަކަކާ ބައްދަލުކޮށް ހަދާއިރު، މާސްކެއް ބޭނުން ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށް ފެނޭ" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ، މާސްކު ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މާސްކު ބޭނުން ކުރައްވާތީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަންއަށް ޓްރަމްޕް ވަނީ ހަޖޫވެސް ޖައްސަވާފައެވެ.