ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އެންޓިބޮޑީ ތެރަޕީ، މިއަހަރުގެ ފަހުކޮޅު ބާޒާރަށް ނެރެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް، އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި އެލީ ލިލީއާއެކު މިމަޝްރޫއުގައި މަސައްކަތް ކުރަމުންދާ ބައޮޓެކް ކުންފުނި އެބްސެލާރާއިން ހާމަކޮށްފިއެވެ.

އެބްސެލާރާގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ކާލް ހާންސެން ވިދާޅުވީ، އެންޓިބޮޑީ ތެރަޕީ ތަރައްގީކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރިއަށްދަނީ އިންތިހާ ހަލުވި ދުވެލީގައި ކަމަށެވެ. ދުވެލީގެ ރޭޓުން މިސާލު ޖައްސަވަމުން ހާންސެން ވިދާޅުވީ ކޮންމެ 2 ސިކުންތަކުން 100 މީޓަރު ކަޑަތު ކުރާހާ ހަލުވި ދުވެލީގައި މިމަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަޝްރޫއުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބަލާއިރު، މިހާރު ކުރިއަށްދަނީ 2 ވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. މި މަރުހަލާގައި މަސައްކަތް ކުރަމުން ދާތާ 2 ހަފުތާއެއްހާ ދުވަސް ވެފައިވާއިރު، ކޮވިޑް-19 ޖެހިފައިވާ އެތައް ސަތޭކަ ޕޭޝަންޓުންނެއް މި މަރުހަލާގައި ބައިވެރިވެއެވެ. މި މަރުހަލާގައި ކުރިއަށްދަނީ ޕޭޝަންޓުން 2 ގުރޫޕަކަށް ބަހާލައިގެންނެވެ. މިތަނުން އެއް ގުރޫޕަށް ދެނީ ކުންފުނިން ތަރައްގީ ކުރި އެންޓިބޮޑީ ޑްރަގެވެ. އަނެއް ގުރޫޕަށް ދެނީ އެއްވެސް ބަދަލެއް ނުގެންނަ ޕްލަސީބޯ ޕިލްއެކެވެ. މި ގުރޫޕުތަކުގެ ޕޭޝަންޓުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ވިލަރެސް ކުރަމުންދަނީ ޑޮކްޓަރުންގެ ޓީމަކުންނެވެ.

ކޮވިޑް-19ގެ އެންޓިބޮޑީ ތެރަޕީ ޑްރަގް ތައްޔާރު ކުރަމުން އަންނަ އެލީ ލިލީ ކުންފުނި ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ފޯޗޫން

ހާންސެން ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ތަހުލީލުތައް ނިންމާލެވުނީ ރައްކާތެރި ކަމާއެކުގައި ކަމަށެވެ. ފުރަތަމަ މަރުހަލާ ކުރިއަށް ގެންދިޔައީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ޕޭޝަންޓުންގެ ހަށިގަނޑުގައި ކަމަށް ވީ ނަމަވެސް، ދެވަނަ މަރުހަލާގައި ބައިވެރިވާ ޕޭޝަންޓުން ތިބީ ގޭގައެވެ.

މި ޑްރަގް ތައްޔާރު ކުރުމަށް އެބްސެލާރާއިން ނަގާފައިވަނީ ސުޕާސްޓާ އެންޓިބޯޑީއެއް ކަމަށް ބުނެވެއެވެ. މި އެންޓިބޯޑީއަކީ ކޮވިޑް-19 ޖެހި، ޝިފާ ލިބި، ރަނގަޅުވެފައިވާ މީހެއްގެ ހަށިގަނޑުން ނަގާ އެންޓިބޮޑީއެވެ.

މިފަދަ ޑްރަގްތައް އުފެއްދުމަށް ސައެންސްވެރިންނަށް ބޭނުން މިންވަރަކަށް އެންޓިބޮޑީ ހިޔާރު ކުރުމުގެ ފުރުސަތު އޮވެއެވެ. އެހެނީ އެންމެ 10އެމްއެލް ލޭގައިވެސް 500 އެންޓިބޮޑީޒް އެކުލެވުމެވެ. މީގެ ތެރެއިން ސައެންސްވެރިން ހިޔާރު ކުރަނީ ކޮވިޑް-19އާ ހަނގުރާމަ ކުރުމަށް އެންމެ ގާބިލު، ތަރައްގީ ކޮށް ނަކަލުކޮށް، އުފައްދަން ފަސޭހަ، އެންމެ ކޮލިޓީ އެންޓިބޮޑީއެވެ.

ކޮވިޑް-19ގެ އެންޓިބޮޑީޒް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އިކޮނޮމިކް ޓައިމްސް

ހާންސެން ވިދާޅުވީ އެބްސެލާރާއިން ތަރައްގީ ކުރާ އެންޓިބޮޑީ ޑްރަގަކީ 2 ގުރޫޕަކަށް ފައިދާ ލިއްބައިދެނިވި ޑްރަގަކަށް ވެދާނެއެވެ. ފުރަތަމަ ގުރޫޕަކީ ކޮވިޑް-19އަށް ހުށަހެޅި، އެހެން ނަމަވެސް ހަށިގަނޑުން އެއްވެސް އަލާމާތެއް ނުފެންނަ ގުރޫޕެވެ. 2 ވަނަ ގުރޫޕަކީ ކޮވިޑް-19ގެ ވައިރަހަށް ހުށަހެޅުމުގެ ނުރައްކާ އިންތިހާއަށް ބޮޑު ގުރޫޕެވެ. މީގެ ތެރޭގައި ހިމެނެނީ ސިއްހީ ހިދުމަތްތެރިންނެވެ.

އެބްސެލާރާއިން ވަނީ މި ޑްރަގް ތަރައްގީ ކުރުމަށްޓަކައި، ކޮވިޑް-19 ޖެހި، ޝިފާ ލިބުނު 100 އެއްހާ މީހުންގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލްތައް ދިރާސާކޮށްފައެވެ. މިހާރަށްވުރެވެސް ފުރިހަމަ އެންޓިބޮޑީއެއް ފެނިއްޖެނަމަ، މިވަގުތު ތަރައްގީ ކޮށްފައިވާ ޑްރަގަށް އެ އެންޓިބޮޑީ އިތުރު ކުރުން އެކަށީގެންވާކަމަށްވެސް ހާންސެން ވަނީ ފާހަގަކުރައްވާފައެވެ.