އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ އެއް މުއައްސަސާއަަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި މިއަދު މިނިސްޓްރީ އޮފް ޖެންޑާއާއި ޔުނިސެފް ގުޅިގެން ކޮންސަލްޓޭޝަން ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާއިޥަތު މުހައްމަދު ދީދީ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތައް ހުއްޓުވުމަކީ އެކަނި އެއް މުއައްސަސާއަަކަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އެގޮތުން މުޖުތަމައުގެ އަފްރާދުންނާއި ޖަމިއަޔާތަކުންނާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތައް އެކުއެކީގައި މަސައްކަތް ކޮށްގެން މެނުއީ ނުހުއްޓުވޭނެ ކަމެއް ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތައް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ. ހަމައެއާއެކު މި ނިޒާމްގައި ހުރި ބާގަނޑުތައް ދެނެގަނެ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމަކަށް ދިމާއަށް ދިއުމަށްޓަކައި މަސައްކަތް ކުރުމާއި އެފަދަ އަނިޔާތައް ލިބޭ ފަރާތްތައް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމާއި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ބޭއްވި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ބައްދަލުވުމުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރާ އެ ކި ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ބައިވެފައި ވެއެވެ. އެގޮތުން މި ބައްދަލުވުމުގައި ޔުނިސެފާއި އޭޖީ އޮފީހާއި، ޕީޖީއާއި ފުލުހުންނާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައި ވެއެވެ.
ހުރިހާ މުވައްސަސާ ތަ ކުގެ ވެރިން މާގިރިއަށް އެއްވެ ބަރަ ކާތްތެރި ރަމަޟާން މަހު އެ ކުރީ އެމަސައް ކަތް.