މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަކީ ވައިގެ ޒަރިއްޔާއިން ނުފެތުރޭ ބައްޔެއްކަމަށް އަދި ބުނެވެން ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ކޮވިޑް-19އަކީ ވައިގެ ޒަރިއްޔާއިން ފެތުރިގެންދާ ބައްޔެއް ކަމަށާ، އެކަމާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 230އަށްވުރެ ގިނަ ސައެންސްވެރިން ސޮއިކޮށް، ޑަބްލިއުއެޗްއޯއަށް ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ.

ސައެންސްވެރިން ފާހަގަކުރެއްވި ކަންތައްތައް ބަލައިގަނެ، އެކަން ހާމަ ކުރަމުން ޑަބްލިއުއެޗްއޯއިން ބުނީ ވައިރަހުގެ ތިކިތައް ވައިގެ ތެރޭގައި ދައުރުކުރަމުންދާ ކަމަށެވެ. ޑަބްލިއުއެޗްއޯގެ އޮފިޝަލު ވިދާޅުވީ ބައިބޯ ތަންތަނާ، ބަންދުވެފައިވާ ތަންތަން ނުވަތަ ފަސޭހައިން ވައި ދައުރު ނުކުރާ ގޮތަށް ހުންނަ ތަންތަނުގައި ކޮވިޑް-19އަކީ އެއާބޯން (ވައިގެ ޒަރިއްޔާއިން ފެތުރޭ) ބައްޔެއް ނޫން ކަމަށް ކަނޑައެޅެން އަދި ނެތް ކަމަށެވެ.

ކޮވިޑް-19ގެ ގަވައިދުތަކާ ހިލާފުވެގެން މިޔަންމާއިންވަނީ ބަޔަކު ހައްޔަރުވެސް ކޮށްފަ/ފޮޓޯ: ހިއުމަންރައިޓްސްވޮޗް

މިހާތަނަށް ލިބިފައިވާ ބައެއް ހެކިތައް ސާބިތު ކުރެވިއްޖެނަމަ، އެތެރެ ވެށީގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް ބަދަލު އައުން އެކަށީގެންވާކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން މިހާތަނަށް ބުނަމުން އައީ ކޮވިޑް-19 ފެތުރިގެން ދަނީ ވައިރަހުގެ އަސަރުކޮށްފައިވާ މީހެއްގެ ނޭވާލާ ނިޒާމުން ބޭރުވެގެންދާ ތިކުތަކުގެ ޒަރިއްޔާއިން ކަމަށެވެ.

ސައެންސްވެރިން ފޮނުވި ސިޓީގައި ސޮއެކުރެއްވި އެކަކީ ޔުނިވާސިޓީ އޮފް ކޮލޮރާޑޯއގެ ކެމިސްޓޭއް ކަމަށްވާ ޜޯޜީ ޜިޖެމެނޭޒް ވިދާޅުވީ މި ސިޓީއަކީ ޑަބްލިއުއެޗްއޯއަށް ދިން ހަމަލާއެއް ނޫން ކަމަށާ، މަގުސަދަނީ ޑަބްލިއުއެޗްއޯއިންވެސް މިކަން ބަލައިގަތުން ކަމަށެވެ. މިއީ ސައެންސްގެ ބަހުސެއް ކަމަށާ، މި ސިޓީގެ ވާހަކަ އާންމު ކުރަންޖެހުނީ، ސައެންސްވެރިން ދައްކަމުންދާ ވާހަކަތަކަށް ޑަބްލިއުއެޗްއޯއިން އިޖާބަ ނުދިނުމުން ކަމަށެވެ.

ކޮވިޑް-19އަކީ އެއާބޯން ބައްޔެއް ނޫންކަމަށް އަދި ކަނޑައެޅެން ނެތްކަމަށް ޑަބްލިއުއެޗްއޯއިން އެއްބަސްވި ނަމަވެސް، މި ހާތަނަށް ލިބިފައިވަނީ އިބްތިދާއީ ހެކިތަކެއް ކަމަށާ، މިކަމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.