ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ކޮށްދޭނެ ވެކްސިނެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޗައިނާގެ ސީނޯވެކް ބައޮޓެކުން ތަރައްގީ ކުރި ވެކްސިންގެ 3 ވަނަ މަރުހަލާގެ ޓެސްޓުތައް ފަށަން ތައްޔާރު ވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ސީނޯވެކްގެ ވެކްސިންގެ 3 ވަނަ މަރުހަލާގެ ޓެސްޓުތައް ކުރިއަށްދާނީ ބްރެޒިލްގައެވެ.
ސީނޯވެކް ބައޮޓެކަކީ، ކޮވިޑް-19އިން ދިފާއު ކޮށްދޭނެ ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަހު މަރުހަލާގެ ޓެސްޓުތައް ފަށަން ތައްޔާރުވި 3 ކުންފުނީގެ ތެރެއިން އެ އެއް ކުންފުންޏެވެ.
މިހާ ހަލުވި ދުވެއްޔެއްގައި ސީނޯވެކްއިން ބްރެޒިލްގައި ޓެސްޓު ކުރަން މި ފަށަނީ، އަވަސް-ނިޔާ އުސޫލުން ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ހުސްވި ހަފުތާގައި ދިން ހުއްދައާއި އެކުގައެވެ.
ސީނޯވެކްއިން ބުނީ ބްރެޒިލްގައި ޓެސްޓު ކުރުން ކުރިއަށްދާނީ ބްރެޒިލްގައި ވެކްސިން އުފައްދަމުން އަންނަ އިންސްޓިޓިއުޓޯ ބުޓަންޓަންއާ ގުޅިގެންނެވެ. މިއާއެކު، ބްރެޒިލްގެ ސިއްހީ ދާއިރާގައި ހިދުމަތް ކުރާ 9000 އެއްހާ މީހުން މި ޓެސްޓަށް ރެކްރޫޓު ކުރެވޭނެއެވެ.
ވެކްސިން ޓެސްޓު ކުރުމުގެ 3 ވަނަ މަރުހަލާގައި މިހާރު އޮތް ވެކްސިންތަކުގެ ތެރޭގައި އޮކްސްފޯޑް ޔުނިވަސިޓީއިން އެސްޓްރާޒެނީކާއާ ގުޅިގެން ތަރައްގީ ކުރަމުންދާ ވެކްސިން އަދި ސީނޯފާމްއިން ތަރައްގީ ކުރަމުންދާ ވެކްސިން ހިމެނެއެވެ.
މޮޑާނާއިން ވަނީ މިމަހުގެ ފަހުކޮޅު، 3 ވަނަ މަރުހަލާގެ ޓެސްޓުތައް ފަށާނެ ކަމަށް ބުނެފައެވެ.
ސީނޯވެކްއިން ވެކްސިން ތައްޔާރު ކުރަން ފެށި މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. އަދި އެކުންފުނިން ވަނީ އަހަރު 100 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދޭ ފެންވަރަށް، ކޮރޯނާވައިރަހަށް ހާއްސަ ވެކްސިން ޕްލާންޓެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19އާ ދެކޮޅަށް އެތައް ސޭތަކަ ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ކްލިނިކަލް ޓްރަޔަލް މަރުހަލާގައި އިވަލުއޭޓް ކުރެވެމުންދަނީ 19 ވެކްސިނެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ޚަބަރު ދެއެވެ.