އެމެރިކާގެ ތާރީހުގައި އެގައުމަށް އަމާޒުވި އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާގައި ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެކުނު ޓަވަރު ބިމާ ހަމަވެގެން އައި ވަގުތު ފުރާނަ ސަލާމަތް ކުރުމަށް ކޮޅުކޮޅު މައްޗަށް މީހުން ދުވަމުން ދިޔަ މަންޒަރު ދައްކުވާދޭ އެންމެ ވަރުގަދަ ފޮޓޯގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ ފޮޓޯއިން ފެންނަ މީހާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެބަލީގައި މި ދުނިޔެ ދޫކޮށްފައިވާކަމަށް، އޭނާގެ އާއިލާއިން ބުނެފިއެވެ.

އެއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. ފުރާނަ ސަލާމަތް ކުރުމަށް ދުއްވައިގަތުމަށް ފުލުހަކު އޭނާއަށް އިރުޝާދު ދިން އިރު ސްޓީވަން ކޫޕާ ދިޔައީ ސިޔާސީ ކަރުދާސްތަކެއް ބަހަމުން ކަމަށް، އޭނާގެ 33 އަހަރުވީ ހަޔާތުގެ ބައިވެރިޔާ ޖެނެޓް ރޭޝަސް ކިޔައިދިނެވެ. އިސްވެ ދެންނެވުނު ފޮޓޯއިން ކޫޕާ ފެންނަން ހުންނަނީ އެންމެ ވާތަށެވެ. ކަޅުކުލައިގެ ޓީޝާޓެއް ލައިގެން، އައިނެއް އަޅައިގެން ހުރި މީހަކީ ކޫޕާއެވެ. ފޮޓޯއިން ފެންނަ ގޮތުގައި ކޫޕާގެ ފަހަތުގައި އޭރު ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓަވަރު ކުދިކުދިވެގެން ފައިބާ، ދުން ބޯވަނީއެވެ.

"އޭރު ދުވިއިރު ކޫޕާއަކަށް ނޭނގޭ ފޮޓޯ ނަގާކަމެއް. ފޮޓޯއަށް އޭނާ އެރިކަން އެނގުނީ ހަފުތާތަކެއް ފަހުން، އޭނާ ނޫސް ބަލަން އިންދާ. ނޫހުން، ކޫޕާއަށް އޭނާގެ ފޮޓޯ ފެނުނު" ރޭޝަސް ކިޔައިދިނެވެ.

ރޭޝަސް ކިޔައިދިން ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކޫޕާ މި ދުނިޔެއާއި ވަކިވީ މާޗް 28 ވަނަ ދުވަހުއެވެ.

ވޯލްޑް ޓްރޭޑް ސެންޓަރު ވެއްޓިގެން އައި މަންޒަރު ދައްކުވާ ދިން ފޮޓޯއާއި މެދު ކޫޕާ އިންތިހާއަށް ފަހްރުވެރިވިއެވެ. ރޭޝަސް ބުނި ގޮތުގައި، ކޫޕާގެ ވޮލެޓްގައި އަބަދުވެސް އެ ފޮޓޯ އޮވެއެވެ. އަދި އޭނާއާއި އަލަށް ބައްދަލުވާ މީހަކަށްވެސް އެފޮޓޯ ދައްކާ ހަދާ ކަމަށް ރޭޝަސް ކިޔައިދިނެވެ.

ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ފޮޓޯ ނެގީ އެ ދުވަސްވަރު އެސޯސިއޭޓަޑް ޕްރެސްއަށް ފޮޓޯ ނަގާ ދެމުން ދިޔަ ސުޒޭން ޕްލަންކެޓްއެވެ. ޕްލަންކެޓް ބުނި ގޮތުގައި، އެ ފޮޓޯއިން ފެންނަ ބައެއް މީހުންނާ އޭނާއާއި ދެމެދު ގާތް ގުޅުމެއް އޮވެއެވެ. ނަމަވެސް، ދުވަހަކުވެސް ކޫޕާއާއި ބައްދަލުވެފައި ނުވާ ކަމަށް ޕްލަންކެޓް ބުންޏެވެ. އަދި ފޮޓޯއާއި މެދު ކޫޕާ ފަހުރުވެރިވާކަން އެނގުމުން ހާއްސަ ޝަރަފެއް ލިބިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ޕްލަންކެޓް ބުންޏެވެ.

ސެޕްޓެމްބަރު 11 ހަމަލާ ނިއުޅިގެން ދިއުމާއެކު އޭނާގެ އޭރުގެ އެޑިޓަރުގެ އޯޑަރަށް ކުރި މަސައްކަތުން ޕްލަންކެޓަށް ނެގުނީ އެންމެ 13 ވަރަކަށް ފޮޓޯއެވެ. ފުލުހުންގެ އިރުޝާދާ އެއްގޮތަށް، ފުރާނަ ސަލާމަތް ކުރުމަށް ޕްލަންކެޓަށްވެސް މަޖުބޫރުވީ ކެމެރާ ބާއްވާށެވެ. ޕްލަންކެޓްގެ ފޮޓޯތައް އެޑިޓަރަށް ފޮނުވާލުމާއެކު، ކޫޕާ ފެންނަ ހުރި ފޮޓޯ މުޅި ދުނިޔެއަށް އާންމުވިއެވެ. ބޮޑެތި މަޖައްލާތަކަށްވެސް އެ ފޮޓޯ ހާއްސަވިއެވެ.