މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ އާ ބާވަތެއް، ވިލާތު ބައްރުން އެމެރިކާއަށް ދަތުރުކޮށް، އިންތިހާ ހަލުވި މިނުގައި ފެތުރިފައި ވާކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާ ބުނާ ގޮތުގައި އިތުރަށް ބާރުގަދަ ވެފައިވާ މި ވައިރަހަށް ގިނަ ބަޔަކު އިންފެކްޓްވި ނަމަވެސް، އެ ވައިރަހުގެ އަސަރު ކުރާ މީހާ ބޮޑަށް ބަލި ކޮށެއް ނުލައެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެތރިވި އެރިކާ އޮލްމަން ސެފަޔާ ވިދާޅުވާ ގޮތުގަ، މިހާރު އެންމެ ގިނަ ބަޔަކު އިންފެކްޓް ކުރަމުންދާ 'މައިގަނޑު' ވައިރަހަކީވެސް މިއީއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ބިޒްނަސް ޖާނަލްސް

"ސެލް"ޖާނަލްގައި ޝާއިއު ކޮށްފައިވާ މި ދިރާސާއަކީ، މި ޓީމުން މީގެ ކުރިން ދިރާސާއެއް އިތުރަށް 'ފައްކާ' ކޮށްފައިވާ ދިރާސާއެއް ކަމަށް ބުނެވެއެވެ. މިހާތަނަށް ހިއްސާކުރި މައުލޫމާތަށް ބަލާއިރު ކޮވިޑް-19 ޖައްސާ ވައިރަސް މާ ބާރުގަދަ ވައިރަހަކަށް ބަދަލު ވަމުން އަންނަ ކަން އޮތީ ހާމަވެފައެވެ.

މި ޓީމުން މިހާރު ބެލި ކަންކަމަށް ރިއާޔަތް ކުރާއިރު، ދިރާސާ ޓީމުން ވަނީ އިންސާނުންގެ އިތުރުން ޖަނަވަރާ، ލެބްތަކުގައި ހުރި ސެލްތަކުގައިވެސް މިކަން ޓެސްޓު ކޮށްފައެވެ.

ބަދަލު އައިސްފައިވަނީ ވައިރަހުގެ ސްޕައިކް ޕްރޮޓީންއަށެވެ. މިއީ ތަސްވީރުތަކުން ފެންނަ ވައިރަހުގައި ފަށާފައި ހުންނަ ކަށިތައް ޒާތުގެ ބައެވެ. މިއީ ސެލްތަކުގެ ތެރެއަށް ފަސޭހައިން ދެމިގަތުމަށް ބޭނުން ކުރާ ހަތިޔާރު ކަމުގައިވެސް ދެންނެވިދާނެއެވެ.

ކޮވިޑް އަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މާލޭގެ މަގުތަކުގައި ކުރިއަށް ދަނީ

ދިރާސާ ކުރާ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ވެކްސިނެއްގެ އެހީގައި މި ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ގޮތެއް އޮތްތޯ ބެލުމަށެވެ. މިހާރު ތަހުލީލު ކުރަމުންދާ ވެކްސިންތައް ފަރުމާ ކޮށްފަ ހުރީ ސްޕައިކް ޕްރޮޓީންއަށް ހަމަލާދޭ ގޮތަށެވެ. ނަމަވެސް މި ވެކްސިންތައް ތަރައްގީ ކުރަމުންދަނީ، ވައިރަހުގެ ކުރީގެ ސްޓްރެއިންތައް ބޭނުންކޮށްގެން ކަންވެސް ފާހަގަ ކުރަންޖެހެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން މި އާ ވައިރަހަށް ދީފައިވާ ނަމަކީ ޖީ614 އެވެ. ހޯދުންތަކުން ދައްކާ ގޮތުގައި މި ވައިރަހަކީ ނޭވާލާ ނިޒާމުގެ މަތީބައި (ނޭފަތް، ސައިނަސް، ކަރުތެރޭ) ގައި ހަލުވިކަމާއެކު ނަކަލުކޮށްލާ ވައިރަހެކެވެ. ހަލުވިކަމާއެކު ވައިރަސް ފެތުރުމުގެ ސަބަބަކީވެސް މިއީއެވެ.

ކަންބޮޑުވާން ޖެހޭ ކަމަކީ، ވައިރަސް އިތުރުވާ މިންވަރު ހަލުވިވުމުން، އެ ވައިރަސް ނެތިކޮށްލުމަށް ދިފާއީ ނިޒާމުން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ.

ދިރާސާ ޓީމުން މިހާރުވެސް ދަނީ މި ދިރާސާ އިތުރަށް ފުރިހަމަ ކުރުމަށް ހޯދަންޖެހޭ މައުލޫމާތު އެއް ކުރަމުން ކަން، އެފަރާތުން ވަނީ ހާމަކޮށްފައެވެ. މިވަގުތަށް އޮތީ ވައިރަހަށް ސަމާލުވެ ތިބުމެވެ.