އަންނަ ހަފްތާއިން ފެށިގެން ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެމްއެމްއޭ ރަސްމީކޮށް ހުޅުވައިގެން ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހަށް ކަމަށެވެ. އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭންކުތައް ހުޅުވަން ނިންމާފައި ވާއިރު އެމްއެމްއޭ އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ހިދުމަތް ހޯދާ ފަރާތްތައް އަމަލު ކުރަންޖެހޭ ގޮތް ވަނީ ހާމަކޮށްފައެވެ.

އެ ގޮތުން ބޭންކިން ހިދުމަތް ދިނުމަށް ހެނދުނު 8:00 އިން މެންދުުރު ފަހު 2:00 އަށް ބޭންކު ހުޅުވާފައި ހުންނާނެ ކަމަށާއި އެ ވަގުތުގައި ސިޓީއާއި ތަކެތި ބަލައިގަތުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ނަމަވެސް ސިޓީއާއި ތަކެތި ފޮނުވާ އިރު އެތަކެތި އީމެއިލް މެދުވެރިކޮށް ފޮނުވަން އިސްކަން ދިނުމަށް އެމްއެމްއޭއިން ބުނެއެވެ. އީމެއިލް އިން ލިޔެކިޔުން ފޮނުވާނަމަ ފޮނުވާނީ [email protected] އީމެއިލަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުދި ރުފިޔާ އަދި ވަކިލާރި ދޫކުރުމާއި ބަލައިގަތުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އަންގާރައިން ބުރާސްފަތި ދުވަހަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މި ހިދުމަތް ހޯއްދަން ބޭނުންވާ ފަރާތްތަކުން ކުރިން ވެސް އެ އޮތޯރިޓީން އެދިފައިވާ ގޮތަށް 7919292 ނަންބަރަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ނުވަތަ ވައިބާ މެދުވެރިކޮށް މެސެޖް ކޮށްގެން ކުރިއަށް ގެނދިއުމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭ އިން ހިދުމަތް ހޯދަން ދާ ފަރާތްތަކުން ދާންވާނީ މާސްކަ އަޅާއިގެން ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.