މިދިޔަ މަހުގެ ކަރަންޓު ބިލުންވެސް 40 ޕަސެންޓް ސަބްސިޑީ ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ޖޫން މަހުގެ ބިލުންވެސް 40 ޕަސެންޓް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ކަރަންޓު ބިލުތައް ސަބްސިޑީ ހިމަނައިގެން އިސްލާހުކުރުމަށްފަހު އަނެއްކާވެސް ބިލު ފޮނުވާނެ ކަމަށެވެ.
ހަމައެއާއެކު އިންސްޓޯލްމަންޓަށް ބަހާލައިގެން ބިލް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން މާޗް، އޭޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އެ ފުރުސަތު ވިޔަފާރިތަކަށްވެސް ދިނުމަށް ވަނީ ނިންމާފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އޭޕްރީލް އަދި މެއި މަހުވެސް ވަނީ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އަދި އެ ދެ މަހު ފެން ބިލުން ވަނީ 30 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ސްޓެލްކޯ މެދުވެރިކޮށް 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެން ކުންފުނި މެދުވެރިކޮށް 33،198 ގޭބީސީ އަކަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ފެނަކަ މެދުވެރިކޮށް 12،661 ގޭބީސީ އަކަށް 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓްވެސް ސަރުކާރުން ވަނީ ދީފައެވެ.
ޖޫން މަހުގެ ކަރަންޓު ބިލު އާދައާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ އާންމުން ދަނީ ކުރަމުންނެވެ. އަދި ލޮކްޑައުންގެ ކުރިން އައި ބިލްތަކާއި ޖޫން މަހުގެ ބިލްގައި ހުރި ތަފާތުތައް ވަނީ ހިއްސާކޮށްފައެވެ. ބައެއް ބިލްތައް ވަނީ ތިންގުނަ ބޮޑުވެފައެވެ. އެގޮތުން ހާހެއްހާ ރުފިޔާ ކުރިން ނާރާ ގޭގޭގެ ބިލްތައް އުޅޭނީ 2500 އިން މަތީގައެވެ.
މިކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ކުރިން ބުނެފައިވަނީ ބިލް ބޮޑުވެފައިވާ ކަމަށް ފާހަގވެފައި ވަނީ ގިނަ ވަގުތު ގޭގައި ތިބޭ ވަގުތު އިތުރުވެފައި ވާތީ ކަމަށާއި އަދި މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަށް ވާތީ ކަމަށާއި ކުރިން މަސްތަކުގައި ލުއިދީފައި އޮތުމުން މި މަހު ޑިސްކައުންޓް ނެތުމުން ބިލް ބޮޑު ކަމަށް ދައްކަނީ ކަމަށެވެ.
ޖޫން މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައި މިވަނީ މި މައްސަލަ ބަލާ ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މައްސަލައެއް ވެސް ހުށައަޅާފައި ވަނިކޮށެވެ.