ޖޫން މަހުގެ 1 ވަނަ ދުވަހު މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު މިހާރު އެއްކުރެވިފައިވާކަމަށާއި، އަދި މި މައުލޫމާތައް ބަލާ ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާ ކުރާނެ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު މުޅި މާލެއިން ވަނީ 5 ގަޑީރަށް ވުރެ ގިނަ ވަގުތައް ކަރަންޓު ކެނޑިފައެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ހާއްސަ ތަހުގީގެއް ހިންގަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ. މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަދުވެސް ވަނީ މާލެއިންނާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑި، ގިނަ އަދަދެއްގެ މީހުންނަށް އުނދަގޫތަކާ ކުރިމަތިވެެފައެވެ. ކަރަންޓު ކެނޑުނުތާ 2 ގަޑީރެއްވަރު ފަހުން ހުޅުމާލެއަށް ކަރަންޓު ދެވިފައިވާއިރު، މާލޭގެ ތަންތަނަށް ކަރަންޓު ލިބިފައިވަނީ އޭގެ ގަޑީރެއް ފަހުންނެވެ.

މިކަމާ ގުޅިގެން މިއަދު ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް އެނާޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.