މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 09:30 އެހާއިރު އެވެ. އޭރު ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން ދިމާވީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އޭގެ ފަހުން މާލޭގެ އެކި ހިސާބުތަކަށް ކަރަންޓު ދިނުމަށްފަހު ގަޑިއިރެއްވަރު ކުރިން ވަނީ ހުޅުމާލޭގެ ވެސް ހުރިހާ ހިސާބަކަށް ކަރަންޓު ދީފައެވެ. އެއަށްފަހު ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ މިހާރު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.
އަދި ކަރަންޓު ނުލިބޭ ގޭބީސީއެއް ހުރި ނަމަ ސްޓެލްކޯގެ ހޮޓްލައިން 104 ގުޅުމަށް ވެސް ސްޓެލްކޯއިން އެދިފައި ވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވި ދަތިތަކަށް އެ ކުންފުނިން މައާފަށް އެދިފައެވެ.
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑެން މެދުވެރިވީ ކޮން ސަބަބެއްކަން ސްޓެލްކޯއިން މިހާތަނަށް ހާމަކޮށްފައި ނުވާއިރު މީގެ މަހެއްވަރު ކުރިން ވެސް ވަނީ ހުޅުމާލެ އާއި މާލެއިން ކަރަންޓު ގޮސްފައެވެ.