ޖިންސީ ގޯނާއާއި ރޭޕް ކުރުމަކީ ގާނޫނީ ގޮތުން ވެސް ބޮޑުވެގެންވާ ޖަރީމާތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ބުނީ، މުޖުތަމައުން ފެންނަމުންދާ ނޭއްގާނީ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖީންސީގޯނާ ކުރުމާއި އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގަތުން ނުވަތަ ރޭޕްކުރުމުގެ ނުބައި އަމަލު ހިމެނޭ ކަމަށެވެ. އެ ގޮތުން މި ފަދަ ކަންކަމަކީ އެންމެހައި މީސްތަކުންގެ މަސްލަހަތައްޓަކައި އިސްލާމްދީނުގައި ވަރަށް ވަރުގަދައަށް ހަރާމް ކުރައްވާފައިވާ ކަންކަން ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ގާނޫނީ ގޮތުން ވެސް އެއީ ބޮޑުވެގެންވާ ޖަރީމާއެއް ކަަމަށް އެ ޕާޓީން ބުނެއެވެ.

ހަމައެއާއެކު މިފަދަ ފާހިޝް އަމަލުތައް މުޖުތަމައުގައި އާންމު ވެގެން ދިއުމަކީ ބަލިމަޑުކަމާއި ތަދުމަޑުކަން ފެތުރިގެން ހިނގައިދާނެ ނުރައްކާތެރި ކަމެއް ކަމަށް އަދާލަތުން ބުނެއެވެ. އެގޮތުން މިފަދަ ހަޑިމުޑުދާރު ކަންކަމުން ދުރުހެލިވެ ތިބުމަށާއި މާތްﷲ އަށް ބިރުވެތިވުމަށް އެންމެހާ ރައްޔިތުންނަށް އަދާލަތުން ނަސޭހަތްތެރިވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުގައި ކޮންމެ ފަރުދެއްގެ މަސްއޫލިއްޔަތެއް ކަމުގައި ވެސް އަދާލަތުން ބުނެއެވެ.

މީގެ އިތުރުން މިފަދަ ކަންކުރާ ފަރާތްތައް ހުއްޓުވައި އެ ކަންކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ލަސްނުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އަދާލަތުން އިލްތިމާސްކުރެއެވެ. އަދި މި ކަންކަމުން އިންސާފް ހޯދައިނުދެވިއްޖެ ނަމަ މުޖުތަމައުގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލިގެންދާނެ ކަމަކީ ޝައްކެއްނެތް ކަމެއްކަމަށް އަދާލަތުން ބުނެއެވެ.

އަދާލަތުން ރޭޕާ ދެކޮޅަށް އަޑުއުފުލާފައި ވާއިރު، މި ހަފްތާ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ނުވަތަ ރޭޕް ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އެ ގޮތުން 13 އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ބައްޕަ އެކި ފަހަރުގެ މަތިން ޖިންސީ ގޮނާ ކުރި މައްސަލައެއްގައި އުމުރުން 35 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން ގްރޭޑް 7 ގައި އުޅޭ އަންހެން ކުއްޖަކު ރޭޕްކޮށް ބަނބޮޑުވި މައްސަލައެއްވެސް މިއަދު ވަނީ ފެންމަތިވެފައެވެ. އަދި 18 އަހަރުން ދަށުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށް އެ ކުއްޖާ ބަނޑުބޮޑުވި މައްސަލައެއް ވެސް ވަނީ މިއަދު ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރިއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެ އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އަންނަނީ ފާޅު ކުރަމުންނެވެ. މި ހާދިސާގައި ތުހުމަތު ކުރެވޭ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ބުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.