18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިނުމާ ގުޅިގެން އެ ކުއްޖާއާ ކޯޓުން ބޭރުގައި ކައިވެނި ކޮށްފައިވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ، މެދު ރާއްޖެތެރޭގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިހާރު ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ޖެންޑާއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މެދު ރާއްޖެތޭރޭގައި ހިމެނޭ ރަށެއްގައި ހިނގާފައިވާ ކަމެކެވެ. އަދި އެ ކުއްޖަގެ އާއިލާއަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި އެ ކުއްޖާ ކޯޓުން ބޭރުން ކައިވެނި ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް ފަރާތެއް ހައްޔަރު ކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް މެދުރާއްޖެތެރެއިން 13 އަހަަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން ދަރިއަކު ލިބިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިދިޔަ އަހަރު ފަހުކޮޅުގައި އެ މައްސަލަ ފެންމަތިވެފައި ވަނީ ލަނޑާ ނަގަން ދިޔަ ދޯންޏެއްގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ މައިން ބަފައިން ވަނީ ކުއްޖާއަށް އިހުމާލުވި ކަމުގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ ކުއްޖާގެ އިތުރުން އާއިލާގައި ތިބި އިތުރު 5 ކުދިން ވަނީ ޖެންޑާގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

މި މައްސަލައިގެ އިތުރުންވެސް މިއަދު މެދުރާއްޖެތެރޭ ރަށެއްގައި ގްރޭޑް 7 ގައި ކިޔަވާ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި ކުއްޖާ ބަނޑުބޮޑުކަން އެނގިފައި ވަނީ ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އަދި އެކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތެއް ކަމަށް މައުލޫމާތު ލިބިފައި ވަނީ އެ ކުޖާގެ ދައްތަގެ ފިރިމީހާ (ޅިއަނު) އެވެ.