އުމުރު ހަމަނުވާ ނުވަތަ 18 އަހަރު ނުފުރޭ ކުދިންނާ ކައިވެނި ކުރުމުގެ ކުށުގައި އިންޑިއާގެ އާސާމުން ގިނަ އަދަދެއްގެ ފިރިހެނުން ހައްޔަރު ކޮށްފައިވާ އިރު، މިކަމާ ގުޅިގެން އާސާމުގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ހައްޔަރު ކޮށްފައި ވާ އެތައް ސަތޭކަ ފިރިހެނުންގެ އަނބިންނެވެ. އަދި އެމީހުންގެ އާއިލާގެ މެމްބަރުންނާއި ބައެއް އާންމު ރައްޔިތުންވެސް ހިމެނެއެވެ. ސްޓޭޓު ސަރުކާރުން ބުނާ ގޮތުން އެމީހުން ހައްޔަރުކުރުމުގެ މަގްސަދަކީ ގަވާއިދާ ހިލާފުވުން ހުއްޓުވުމެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކީ އާސާމަށް ނިސްބަތްވާ މޫމިނާ ހާތުން އެވެ. މޫމިނާ ބުނި ގޮތުން އޭނާއަކީ ވަރަށް ބަދުނަސީބު އަންހެނެކެވެ. ނަމަވެސް އޭނާގެ ކައިވެންޏާ ދޭތެރޭ ވަރަށް ވެސް ހިތްހަމަޖެހޭ ކަމުގައި ބުންޏެވެ. ބަލިވެ އިނދެ ބަނޑަށް 7 މަސް ވެފައި ވާއިރު، ފިރިމީހާ ހައްޔަރުކުރުމުގެ ސަބަބުން އޭނާ އަށް ވަނީ ވަރަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ. އަދި ފިރިމީހާ އާ ނުލައި އޭނާއާއި ދަރިފުޅު ދިރިއުޅޭނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް ވެސް މޫމިނާ ބުންޏެވެ.

ކުޑައިރު ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅެން ޖެހުނަސް މީހަކާ އިން ހިސާބުން ދިރިއުޅުން ފަސޭހަވެ އުފާވެރިވި ކަމަށާއި އުމުރުން އެންމެ 8 އަހަރުގައި ބައްޕަ އާއި މަންމަ ވަކިވެ ބައްޕަ އެހެން މީހަކާ ކައިވެނި ކުރުމުން އޭގެ ފަހުން މަންމައާ އެކު ދިރިއުޅެމުން ދަނިކޮށް މަންމަވެސް އޭނާ ދޫކޮށްލީ ކަމަށް މޫމިނާ ބުންޏެވެ. އޭގެ ފަހުން ބައްޕަ ފަރާތު ބޮޑުދައިތައެއްގެ ކައިރީގައި ކުޑަ ވިލެޖެއްގައި ދިރިއުޅެމުން އައީ ވަރަށް ހާލުގައި ކަމަށާއި އޭނާއާ ދޭތެރޭ ކަންތައް ކުރާ ގޮތުން އޭނާ އަކީ އެމީހުންނަށް ޖެހިފައިވާ ބުރައެއް ކަމުގެ އިހުސާސް ވެސް ކުރެވުނު ކަމަށް މޫމިނާ ބުންޏެވެ. އަދި އުމުރުން އެންމެ 17 އަހަރުގައި ބޮޑުދައިތަ އޭނާގެ ކައިވެނި ކުރުވަން އުޅުމުން ވަރަށް ބޮޑަށް ބިރުގަތް ކަމަށްވެސް ބުންޏެވެ. ނަމަވެސް މޫމިނާއާ ކައިވެނި ކުރި ޔާގުބް އަލީ ވީ ވަރަށް ރަނގަޅު މީހަކަށެވެ. އަދި މޫމިނާއަށް ވަރަށް އަޅާލައި ލޯބިދިން ކަމުގައި ވެސް ބުންޏެވެ. އަތުގައި މާ ބައިވަރު އެއްޗެއް ނެތްކަމުގައި ވިޔަސް އެމީހުންގެ ދިރިއުޅުން ވަރަށް އުފާވެރި ކަމުގައި މޫމިނާ ބުންޏެވެ.

ނަމަވެސް އުމުރު ނުފުރޭ ކުއްޖަކާ ކައިވެނި ކުރުމުގެ ކުށުގައި 22 އަހަރުގެ ފިރިމީހާ ހައްޔަރު ކުރުމުން މޫމިނާ ވަނީ މުޅިން އެކަނިވެރި ވެފައެވެ. ހައްޔަރުކުރި ފަހުން ހަފްތާއެއް ވީއިރުވެސް ފިރިމީހާ ބައްދަލު ކުރާނޭ ފުރުސަތެއް ވެސް މޫމިނާ އަކަށް ނުދިނެވެ.

"އަހަރެން ކޮންތާކަށް ދާނީ؟ އަހަރެންގެ އެއްވެސް މީހަކު ނެތް. އަހަރެންނާއި ދަރިފުޅު ހައިހޫނުކަމުގައި ކަންނޭގެ މަރުވާނީ"
މޫމިނާ

ފުލުހުންނަށް ލިބިފައިވާ ޝަކުވާ ލިސްޓުގައި 8100 މީހުންގެ ނަން އޮތްއިރު، މިދިޔަ ހަފްތާ ނިމުނު އިރު 2500 މީހުން ހައްޔަރު ކޮށްފައި ވެއެވެ. މީގެ ތެރޭގައި އެ ފިރިހެނުންގެ މައިންބަފައިންނާއި، އެމީހުން ކައިވެނި ކޮށްދިން މީހުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހައްޔަރު ކުރި ފިރިހެނުންގެ އަނބިންގެ ތެރެއިން ގިނަ އަންހެނުންނަކީ އެއްވެސް ވަރަކަށް ތައުލީމު ލިބިފައި ތިބި ބަޔަކަށް ނުވުމާއެކު އެމީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ބަރޯސާވެފައި އޮންނަނީ އެމީހުންގެ ފިރިންނަށެވެ. އަދި ފިރިން ހައްޔަރުކުރުމުގެ ސަބަބުން އެމީހުންނަށް ވަނީ ކާއެއްޗެއް ލިބޭނޭ ގޮތެއް ވެސް ނެތިފައެވެ. މި އަންހެނުންތައް، އެމީހުންގެ ފިރިން ހައްޔަރުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ބޭރުގައި މަގުމަތީގައި ފުރޮޅި ރޮއެ އާދޭސްކޮށް އަދި އެއްބަޔަކު ފިރިން ދޫކޮށްލުމަށް އެދި ގޮވާ ހަޅޭއްލަވާ ހަދާ ވީޑިއޯތައް ވެސް އަންނަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ.

ފިރިހެނުން ހައްޔަރު ކުރުމުން އާސާމުގައި ކުރި މުޒާހަރާގެ ތެރެއިން/ ފޮޓޯ: ގެޓީ އިމޭޖަސް

މޫމިނާގެ ފިރިމީހާ އަލީގެ އިތުރުން އެތައް ފިރިހެނުންނެއް މިވަނީ 14 އަހަރާއި 18 އަހަރާއި ދެމެދުގެ ކުޑަ ކުދިންނާއި ކައިވެނި ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދެއަހަރުގެ ޖަލު ހުކުމަކާ އެކު ޖޫރިމަނާ ވެސް ކޮށްފައެވެ. އަދި އުމުރުން 14 އަހަރު ނުފުރޭ ކުދިންނާ ކައިވެނި ކުރި މީހުންގެ އަދަބު މިއަށް ވުރެ ބޮޑެވެ. 7 އަހަރުން ފެށިގެން އުމުރު ދުވަހާ ހަމައަށް މީގެ ތެރެއިން ބައެއް މީހުންނަށް ހުކުމް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެންމެ ގިނަ އަދަދެއްގެ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ އާސާމުގެ އެންމެ ގިނަ މުސްލިމުން އުޅޭ އަވަށްތަކުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ހިންދޫ ފިރިހެނުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މުސްލިމް އާބާދީގެ ތެރޭގައި މިގޮތަށް ކުރެވޭ ކައިވެނިތައް ގިނަ އިރު މީގެތެރޭގައި ގިނައީ އަންހެން ކުދިން އެކުދިންގެ އަމިއްލަ ރުހުމުގައި ކޮށްފައިވާ ކައިވެނިތަކެވެ. އެހެންކަމުން އެމީހުންގެ ފިރިން ހައްޔަރު ކޮށްގެން އެގޮތަށް ގެންދިއުން އެމީހުން ދެކެނީ އެމީހުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައެވެ.

ފިރިން ހައްޔަރު ކޮށްގެއް ދޫކޮށްލަން އެދި އަނބިން ރޮއެ އާދޭސް ކުރަނީ

އަދި މިގޮތަށް ގިނަ ފިރިހެނުން ހައްޔަރުކުރުމުގެ ސަބަބުން އެމީހުންގެ އަނބިދަރިންނާއި އާއިލާތަކަށް ވަނީ އެތަކެއް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި އުމުރު ހަމަނުވާ ކުދިންނާ ކައިވެނި ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު މީގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ތަޖުރިބާކާރުން ލަފާކުރަނީ ފަގީރުކަމާއި އެއްވެސް ވަރަކަށް ތައުލީމު ލިބިފައި ނުވުމެވެ.

އުމުރު ހަމަނުވާ ކުދިންނާ ކުރާ ކައިވެނީގެ ތެރެއިން ރަސްމީ ކޮށް ރިޕޯޓު ކޮށްފައި ވަނީ ވަރަށް މަދު މައްސަލައެކެވެ. އެގޮތުން އާސާމުން 2021 ވަނަ އަހަރު 155 ކޭސް ރިޕޯޓު ކޮށްފައިވާ އިރު 2020 ވަނަ އަހަރު ރިޕޯޓު ކޮށްފައި ވަނީ 138 ކޭސް ކަމުގައި އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް އިން ހާމަކޮށްފައި ވެއެވެ. އަދި މިކަންތައް ފަހުން ސަމާލުކަމަށް އަންނަން ފެށީ ބައެއް ހިސާބުތަކުގައި އުމުރު ހަމަނުވާ ކުޑަކުދިން މާބަނޑުވާ ރޭޓު މަތިވުމުގެ ސަބަބުން ކަމުގައިވެސް ރިޕޯޓުތައް ބުނެއެވެ.

އާސާމުގެ ޗީފް މިނިސްޓަރު ހިމަންތަ ބިސްވާ ސަރްމާ ވިދާޅުވި ގޮތުގައި އުމުރު ހަމަނުވާ ކުޑަކުދިންނާ ކައިވެނި ކުރުމާ ދެކޮޅަށް ސަރުކާރުން ވަނީ ހަނގުރާމަ އިއުލާނު ކޮށްފައެވެ. އަދި މީގައި އެއްވެސް ދީނެއް އަދި މަހުޒަބެއް ތަފާތު ނުކުރާނެ ކަމުގައި ބުނެއެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުން މިއީ އެ ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ވެރިކަން ކުރާ ބީޖޭޕީ އިން ފަށާފައިވާ ކަމެކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ގިނައަދަދަކަށް މީހުން ހައްޔަރު ކުރަން ފެށުމުން މިކަންތައް ވާނީ އިތުރަށް ގޯހެވެ. އަދި އޭރުން މިފަދަ ގިނަ ކައިވެނިތައް ސިއްރުވެގެން ދާނެ ކަމަށާއި ދެނެގަތުމުގައި ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭނެއެވެ.

ކުލްސޫމް އޭނާގެ ފިރިމީހާ އާއި 2 ކުދިންނާއެކު

މިފަދަ ހާލަތެއް މެދުވެރިވެފައިވާ އާސާމުގެ ދުބްރީ ޑިސްޓްރިކްޓަށް ނިސްބަތްވާ ހާލިދުލް ރާޝިދު ރޮވިފައި ބުނިގޮތުގައި އޭނާގެ 23 އަހަރުގެ އަންހެން ދަރިފުޅު ވަނީ މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އަމިއްލަ އަށް މަރުވެފައެވެ. އާއިލާގެ 4 ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ކުލްސުމް މީހަކާ އިން އިރު އުމުރުން އެންމެ 14 އަހަރެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑުގައި ފިރިމީހާ މަރުވުމުން ކުލްސޫމް އޭގެ ފަހުން ދިރިއުޅެމުން އަންނަނީ މައިންބަފައިންނާ އެކުގައެވެ. އޭގެ ފަހުން ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށާއި ނަމަވެސް އާސާމުން މީހުން ހައްޔަރުކުރަން ފެށުމުން ކުލްސޫމަށް ނަފްސާނީ ގޮތުން އަސަރުކޮށް ބިރުގަންނަން ފެށިކަމަށްވެސް ރާޝިދު ބުނެފައި ވެއެވެ. އަދި މައިންބަފައިން ހައްޔަރު ކޮށްފާނޭ ކަމުގެ ބިރަށް ކުލްސޫމް އަމިއްލައަށް މަރުވީ ކަމުގައިއާއި އޭނާ އެގޮތަށް އެކަން ކުރީ މައިންބަފައިން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ރާޝިދު ބުންޏެވެ.

މުޒާހަރާ ކުރަމުންދާ ބައެއް އަންހެނުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ މަސޫދު ޒަމާން ބުނާ ގޮތުގައި އެންމެ ގިނައިން މީހުން ހައްޔަރުކޮށްފައި މިވަނީ އާސާމުގެ އެންމެ މުސްލިމުން ގިނަ ހިސާބު ކަމުގައިވާ ދުބްރީ އިންނެވެ. ހައްޔަރުކުރާ މީހުން ކަފާލާތުގެ ދަށުން ދޫކުރަމުން ދާއިރު މީގައިވެސް ހައްޔަރުކޮށްފައި ތިބި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގައި ވެސް ތުހުމަތު ކޮށްފައި ވެއެވެ. ހަމަ މިކުށުގައި ހައްޔަރުކޮށްފައި ތިބި ހިންދޫ އަދި އެހެން ދީން ތަކުގެ މީހުން ކަފާލާތުގެ ދަށުން މިނިވަން ވީއިރު މުސްލިމް ފިރިހެނުންނާއި މެދު މިގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.

އަދި މިފަދައިން ހައްޔަރުކުރި ފިރިހެނުންގެ އަނބިންނަށް ސަރުކާރުން ބަދަލެއްގެ ގޮތުގައި ފައިސާ ދޭން ނިންމާފައިވާ އިރު، އެމީހުންނަށް ލިބިފައިވާ ނަފްސާނީ ގެއްލުމާއި އަނބިމީހާއާއި ފިރިމީހާގެ ދެމެދުގައިވާ ޖަޒުބާތީ ގުޅުމަށް ލިބުނު ހީނަރުކަމުގެ ބަދަލު ދެވޭނޭތޯ ވަނީ ސުވާލު އުފައްދާފައެވެ.

ޔުނިސެފް އިން 2021 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވާގޮތުން އިންޑިއާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް އުމުރު ހަމަނުވާ ކުޑަކުދިންގެ ކައިވެނި ކުރާ ގައުމެވެ. މިހާރުވެސް އިންޑިއާގައި ކައިވެނި ކޮށްގެން އުޅޭ 223 މިލިއަން ކުޑަކުދިން އުޅޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. 18 އަހަރު ނުފުރޭ ކުދިންނާއި ކައިވެނި ކުރުމަކީ އިންޑިއާގެ ގާނޫނުގައިވެސް މަނާ ކަމެއް ކަމުގައި ވާއިރު، އަހަރަކު ގާތްގަނޑަކަށް 1.5 މިލިއަން ކުދިންގެ ކައިވެނި ކުރާ ކަމަށާއި މިކައިވެނިތައް ގިނައިން ކޮށްފައި ވަނީ މައިންބަފައިން ރާވައިގެން ކަމުގައި ވެސް ރިޕޯޓުގައި ވެއެވެ.