އައްޑޫގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 59 އަހަރުގެ އަންހެނެކެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިދިޔަ މަހު 25 ވަނަ ދުވަހު ހިތަދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހިތަދޫ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ވަނީ ހިތަދޫ ކޯޓުގެ އަމުރު ދަމަހައްޓާފައެވެ.
ހައިކޯޓުން ނިންމީ އޭނާގެ ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެމީހާ ބަހައްޓަން ކޯޓުން އަމުުރު ނެރިފައިވަނީ ބަންދުގައި ބަހައްޓާދޭން އެދި ފުލުހުން ހުށައެޅި ހެކިތަކުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައި ބުނެއެވެ.
އެ މައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިއަދު ވަނީ އެ މައްސަލައިގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެކޮމިޝަނުން ބުނީ، އުމުރުން 6 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބުނު މައްސަލައެއް ކަމާގުޅުން ހުރި މުއައްސަސާތަކުން ބަލަމުން އަންނަކަން، މިދިޔަ މަހު 24 ވަނަ ދުވަހު ކޮމިޝަނުގެ ސަމާލުކަމަށް އައުމާގުޅިގެން، މިމައްސަލައިގައި އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ހައްގު ހޯދައި ދިނުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
މިގޮތުން ޖެންޑާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ހިދުމަތުން މި މައްސަލައިގައި އަމަލު ކުރަމުންދާގޮތް ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.
އެޗްއާރްސީއެމްއިން ބުނީ، ކުއްޖާއަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވި ހައްޔަރުކޮށްފައިވާ އުމުރުން 59 އަހަރުގެ އަންހެން މީހާއަށް ކޮމިޝަނުގެ ޓީމަކުން ޒިޔާރަތްކޮށް އޭނާގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި ތުހުމަތަށް ހައްޔަރުކޮށްފައިވާ އަންހެންމީހާ ބަލަހައްޓަމުން ގެންދިޔަ، ސްކޫލަށްދާ އުމުރުފުރައިގެ، އޭނާއަށް މާމަ ކިޔާ 3 ކުދިން ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށް އެކުދިންގެ ހާލަތު ވެސް ކޮމިޝަނުން ބަލާފައިވާ ކަމަށެވެ.
މި 3 ކުދިންގެ ހާލަތު، މިނިސްޓްރީންން ބަލައި މޮނިޓާ ކުރަމުންދާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ. އަދި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ އިތުރު މައްސަލައެއް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.
އެޗްއާރްސީއެމްއިން ވަނީ މި މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި މިކޮމިޝަނުގެ އިހްތިސާސްގެ ތެރެއަށް ފެތޭކަންކަން ބަލަމުންގެންދާނެކަމުގެ ޔަގީންކަން ދީފައެވެ.