ކުޑަކުދިންގެ މައްސަލަތަކުގައި މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައި އަހަރު ދުވަހު ތެރޭގައި އެ އެކްޝަން ޕްލޭނަށް އަމަލު ކުރާނެ ކަމަށް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ "ވައިލެންސް އަގައިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް'' ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރިޔާޒް ވިދާޅުވީ ކުޑަކުދިންގެ މައްސަލަތަކާ ގުޅުން ހުރި ކަންކަން ތަހުގީގު ކުރުމުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ފެމެލީ ޗައިލްޑް ޕްރޮޓެކްޝަން ވިންގަށް ގެނައި ބަދަލުތަކާ އެއްކޮށް އެކަމާ ގުޅުންހުރި ގަވާއިދުތަކާ އުސޫލުތައް އެކުލަވާލެވި ވަކިން ހާއްސަކޮށް ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނަށް ފުލުހުން އަހުލުވެރިކޮށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް މިހާރު ވެސް ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ރިޔާޒް ވަނީ އެފަދަ ބަދަލުތައް ގެންނަން ޖެހޭ އަދި ދެނެގަންނަން ޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މައްސަލަ ތަހުގީގުކޮށް، ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ގޯނާ ހުއްޓުވަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ކުޑަކުދިން ހިމާޔަތް ކުރުމަށް އިތުރަށް ކުރަންވީ ކަންކަން ދެނެގަނެ އާއިލާތައް ހޭލުންތެރި ކުރުމާއެކު، އެކުދިން އަނިޔާއަށް ހުށަހެޅޭ ދޮރުތައް ބަންދުކުރަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ކޮންފަރެންސްގެ އެ ދާއިރާގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް އެންމެން ތިބެގެން ހިޔާލު ބަދަލުކުރާއިރު، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގެ ސަބަބުތަކަކީ ކޮބައިތޯ ބަލައި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންނަށް ބޭނުންވާ އަމާން މާހައުލެއް ހޯދައި ދިނުމަށްޓަކައި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ވާހަކަ ދައްކަންޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ތެރެއިން ކުޑަކުދިންނަށް ލިބޭ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރެވޭ އިރު ވެސް ތަކުރާރުކޮށް އެ އަމަލުތައް ހިންގަމުން ދަނީ ކީއްވެތޯ އާއި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ވަރަށް ގިނަ ކަންކަން މުޖުތަމައު ތެރެއިން ފެންނަމުންދާ އިރު ކުށްކުރާ މީހުންނަށް އަޅާ ފިޔަވަޅުތަކާއި އެފަދަ މައްސަލަތައް ތަހުގީގު ކުރާ ގޮތާއި އެފަދަ ކަންކަން ހުއްޓުވަން އިތުރަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މާހައުލަށް ގެނެވުނު ބަދަލުތަކުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގުކޮށް ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް ނިންމާ މިންވަރު އަވަސްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ރިޔާޒް ފާހަގަ ކުރެއްވިއެވެ. އަދި ކޮންފަރެންސްގެ ދާއިރާގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަ ދެކެވެމުންދާ އިރު، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުރިކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތައް ބެލުމަށް، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި އެކުދިން ރައްކާތެރިކުރުމަށް އެންމެންގެ ނަޒަރުގައި ފުލުހުންގެ ދައުރަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށާއި ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތައް ތަހުގީގުކުރާ އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާއި ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމަށް ކަނޑައެޅިފައިވާ ކަންތައްތަކާއި މައްސަލަތައް، ތަހުގީގުކުރާ އިސް ފަރާތްތަކުން ދެނެގަންނަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ހުށަހެޅިފައިވާ މައްސަލަތަކުން ހޯދޭ ކަންކަމުގެ އަލީގައި، ކުޑަކުދިން ހިމާޔަތްކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ހުރަސްއެޅޭ ކަންކަމަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ރައްކާތެރި ކުރުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން، މަސައްކަތްކުރާ ނިޒާމު ވަރުގަދަ ކުރުމަށް ވިސްނަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. ކުޑަކުދިންނަށްކުރާ އަނިޔާތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް، ކުޑަކުދިންނަށް އަނިޔާކުރުން ހުއްޓުވައި އެކުދިން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކޮންފަރެންސްއިން ލިބޭ މައުލޫމާތުގެ އަލީގައި ހުރިހާ މުއައްސަސާތަކަށް އެއްބަސްވެވޭ ގޮތެއްގެ މައްޗަށް އެކްޝަން ޕްލޭނެއް އެކުލަވައިލާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެތެރޭގައި އެ އެކްޝަން ޕްލޭނަށް އަމަލުކުރަން ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.