13 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ހަމަޖައްސައިފިއެވެ.

މާދަމާ މި އަޑުއެހުން ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައި ވަނީ ހެނދުނު 9:00 ގައެވެ. އަދި މި އަޑުއެހުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފަިއ ވަނީ ސިއްރު ކޮށްގެންނެވެ.

ރ. މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ މިދިޔަ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ ނޮވެމްބަރު 19، 2019 ގައި ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމުގައި، ހައްމާދު ޒަހަމްވި މައްސަލަ ތަހުގީގް ކުރަމުން ދަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. ހައްމާދުގެ މައްސަލަ ބަލަނީ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ މައްސަލައެއްގެ ގޮތުގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހައްމާދުގެ މައްޗަށް ކޮށް، ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ޕީޖީ ޝަމީމް ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސީރިއަސް ކަމެއް ކަމަށާއި "ސަކަރާތް ޖެހުމެއް ނެތް" ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފިނަމަ، އެ މީހަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.