ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް މިއަދު ކުރަމުންދާ މުޒާހަރާގައި ހަތަރު މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާއެކު ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މިއަދު ހަވީރު ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މަޖީދީ މަގުން ފެށުނު މުޒާހާރާގެ ބައިވެރިން ހިނގަމުން އައިސް އެމީހުން ވަނީ ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުތަކަށް މަޑުކޮށް ބައިވެރިން ބިންމަތީ އިށިނދެގެން ތިބެ އެމީހުންގެ ޝުއޫރު ފާޅުކޮށްފައެވެ.

މިއަދު މުޒާހަރާގައި އެންމެ ފުރަތަމަ މީހަކު ހައްޔަރު ކޮށްފައިވަނީ ހަވީރުގެ ވަގުތު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން އުޅުނު ވަގުތެވެ. އެ ވަގުތު މުޒާހަރާގެ ބައިވެރިއެއް ފުލުހުންގެ ގައިގައި ކޮޅު ފައިން ޖެހުމުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން 2 މީހަކު ހައްޔަރު ކުރި / ފޮޓޯ: ދަ ޕްރެސް

މި މުޒާހަރާގައި 4 މީހެއްގެ ގަޔަށް ފުލުހުން އައިސް ޕެޕާ ސްޕްރޭ ޖަހާފައި ވަނީ މުޒާހަރާ ނިންމާލުމަށްފަހު އެމީހުން ގެއަށް ދާން އުޅުނު ވަގުތު މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހަކު ހައްޔަރު ކުރަން މަސައްކަތް ކުރި ވަގުތުއެވެ. އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މުޒާހާރާގެ ބައިވެރިން އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ހުއްޓުވަން މަސައްކަތް ކުރި މީހުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. ޕެޕާ ސްޕްރޭ ޖަހާފައިވަނީ 4 މީހެއްގެ ގަޔަށެވެ.

މިއަދު މުޒާހަރާއިން ހައްޔަރު ކުރި ދެ މީހުންނަކީވެސް ފިިރިހެނުންނެވެ.

މިއަދު މުޒާހަރާ ކުރަމުންދާއިރު، ފުލުހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން އަންގާފައި ވަނީ 3 މީހުންނަށް ވުރެ ގިނައިން އެއްފަހަރާ އެއްވެ ނޫޅުމަށެވެ.