ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ބަނޑަށް މަރުވެފައިވާ ކުދިން އަދަދުގެ މައްސަލަތައް އިތުރުވެފައިވާ އިރު މިފަދަ މައްސަލަތައް ގާތުން ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، ދާދި ފަހުން ހިނގާފައިވާ މިފަދަ ކޭސްތައް އެމިނިސްޓްރީއިން ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިކަންކަން ރެގިއުލޭޓް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ހެލްތް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.
ސަރުކާރުން މިކަންކަން ބަލަމުންދާ ކަމަށް ބުނެފައި މިވަނީ މިފަދަ ކޭސްތައް އިތުރަށް ތަހްޤީޤުކުރުމަށް ޔުނިސެފް އަދި ޑަބްލިއުއެޗްއޯއަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢައްސާން މައުމޫން މިއަދު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ވިހެއުމުގައި މަރުވާ ކުދިންގެ އަދަދު ރާއްޖޭގައި މަދުކުރެވިފައި ވާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ ދެމަސް ދުވަހުގެ ތެރޭގައި 5 ކުދިން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ވިހެއުމުގައި މަރުވެފައިވާ ކުދިންނާއި ބަނޑަށް މަރުވެފައިވާ ކުދިން ހިމެނޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރެމުންދާތީ ދަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އިރު މި ވޭތުވެ ދިޔަ ދެ މަސްދުވަހުގެ ތެރޭގައި މާބަނޑު 3 މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައަކާއި ދުވަސް ނުފުރާ ވިހެއި އިރު 2 ކުދިން މަރުވެފައިވާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.
އެ ގޮތުން އިއްޔެ ހއ. ބާރަށު އަންހެނެއްގެ ބަނޑުގައިވާ ދަރިފުޅު މަރުވެފައިވާ މައްސަލައިގައި އާއިލާއިން ބުނެފައި ވަނީ ބަނޑަށް ކުއްޖާ މަރުވެފައި ވަނީ ކޮވިޑާ ގުޅިގެން މާބަނޑު އަންހެން މީހާއަށް ބޭސްފަރުވާއަށް ބޭނުންވާ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށެވެ. އޭނާގެ ބަނޑަށް ދަރިފުޅު މަރުވި އިރު ބަނޑަށް ވަނީ ހަތަރު މަސް ފުރިފައެވެ. ހަމައެއާއެކު މިދިޔަ މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫގައި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އޭނާއަށް ފަރުވާ ލިބޭނެ ގޮތެއް ނުވުމުގެ ސަބަބުން ބަނޑަށް ދަރިފުޅު ވަނީ މަރުވެފައެވެ.
ސަރުކާރުން ދާދި ފަހުން ވަނީ މާބަނޑު މީހުންގެ ސްކޭން ހެދުމުގެ އިންތިޒާމް ރަށްރަށުގައި ހަމަޖައްސަން ނިންމާފައެވެ. މި ގޮތުން މިދިޔަ ހަފްތާގައި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށެވެ. އަދި އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ސްކޭން ހެއްދުއް ކަމަށާއި އެކަމަށް ލުއިތަކެއް ހޯދާފައިވާ ކަމަށެވެ.