ކޮވިޑް-19 ރާއްޖެއިން ފެށުނީއްސުރެ އާންމުން އެންމެ ގިނައިން ދައްކަމުން ދިޔަ އެއް ވާހަކަ އަކީ މާލެއަށް ވައިރަސް އައިސްފިނަމަ ވައިރަސް ފިލާނީ މުޅި މާލެ "ދޮވެލައިފައި" ކަމަށް ބުނެ ދެއްކި ވާހަކަ އެވެ. މާލޭގައި މީހުން ގިނަ ކަމާއި އޮތީ ތޮއްޖެހިގެން އުޅެން ޖެހިފައި އޮތް މާހައުލެއް ކަމުން އެކަކުވެސް ނައްޓާފައި ނުދާނެ ވާހަކައެވެ. އެއާއެކު މާލޭގައި އުޅޭ ދިވެހިންނަށް ވުރެ ބިދޭސީން ގިނަ ވުމާއި، ބިދޭސީން ތޮއްޖެހިގެން އުޅޭ "ކޮއްޓަކަށް" ވައިރަސް ވަދެއްޖެ ނަމަ އަމުދުން އެއިން އެކަކުވެސް ސަލާމަތް ނުވާނެ ވާހަކައެެވެ.

ދެން އެންމެ ގިނައިން އާންމުން ކުރަމުން ދިޔަ ސުވާލަކީ، މާލެއަށް ވައިރަސް އައުމުގެ ނުރައްކާ އޮތީ ކިހާވަރަކަށްތޯ އަހާ ކުރަމުން ދިޔަ ސުވާލެކެވެ. އޭޕްރީލް 15، 2020 ގައި މާލެ ލޮކްޑައުން ކުރުމުގެ އެއް ދުވަސް ކުރިން ވެސް އާންމުން އެ ސުވާލު ކުރިއެވެ. ޖަވާބު ދެމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފަރާތުން އެ ދުވަހުވެސް ބުނީ މާލޭގައި "ކޮމިއުނިޓީ ސްޕްރެޑް" އެއް ނެތް ކަމަށާއި އެކަން އޮތްތޯ ބަލަން ސާވޭ ކުރަމުން ދާ ވާހަކަ އެވެ.

އޭޕްރީލް 15 ވަނަ ދުވަހު މީހަކު ޕޮޒިޓިވް ވެގެން އިއުލާނު ކުރި އިރު، އޭނާގެ ސާމްޕަލް އޭގެ ކުރިން ނެގި ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައެވެ.

ލޮކްޑައުންގެ ކުރިން މާލޭގެ ކާރޫބާރު ބޮޑު މާރުކޭޓު ސަރަހައްދު

ލޮކްޑައުން އާއި އިގުތިސޯދު

ކޮވިޑާ ގުޅިގެން ދުނިޔެއަށް އައި އިގުތިސޯދީ ލޮޅުމުގައި ޓޫރިޒަމަށް ބަރޯސާވާ ރާއްޖެއަކީ، ނިސްބަތުން 3 ވަނައަށް އެންމެ ބޮޑު ލޮޅުމެއް އައި ގައުމު ކަމަށް ވޯލްޑްބޭންކުން ބުނެއެވެ. ރާއްޖޭގެ "އިގުތިސޯދުގެ މައި އިންޖީނު" ހިންގަން ބޭނުންވާ ބޭރު ފައިސާގެ 60 ޕަސެންޓަކީ ޓޫރިޒަމުން ލިބޭ އެއްޗަކަށް ވާއިރު ކޮވިޑާއެކު އައި އިގުތިސޯދީ ލޮޅުމަކީ ކައިރި މުސްތަގުމަލެއްގައި އަރައިގަނެވޭ ވަރަށް ވުރެ ބޮޑު ލޮޅުމެކެވެ.

ރާއްޖޭގެ އިގުތިސޯދު މިސްރާބު ކޮށް ދުއްވާ ފަރާތްތަކަކީ "ބޮޑެތި ޖަޔަންޓް" ވިޔަފާރިތައް ކަމަށް ވާއިރު އެ ވިޔަފާރިތައް ހުއްޓި އާމްދަނީއެއް ނުލިބި ދާ ކޮންމެ ހިނދުކޮޅަކީ އޭގެ މުޅި އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަމެކެވެ. އިގުތިސޯދީ ނަޒަރަކުން ބަލާނަމަ، ބޮޑެތި ވިޔަފާރިތައް ނުފެށެނީސް ކުދި ވިޔަފާރިތަކެއް ނުފެށޭނެއެވެ. ބޮޑެތި ވިޔަފާރިތައް ހިންގައިދޭ "އިންޖީނު" ތަކަކީ ކުދި ވިޔަފާރި ތަކެވެ. އެތަންތަނުން ކުރާ ސަޕްލައިއާއި، ވިއްކާ މުދަލާ، ދޭ ހިދުމަތްތައް ގުޅިފައި ހުންނަނީ ބޮޑެތި ވިޔަފާރިތަކާއެެވެ.

ހަމައެހެންމެ "ގައުމުގެ އިންޖީނު" ހިންގަންވެސް، ބޮޑެތި ވިޔަފާރިތައް ކޮންމެހެންވެސް "ސްޓާޓް" ކުރަންޖެހެއެވެ. ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ބޭނުންވާ ޓެކްސްގެ ބޮޑު ބައެއް އަންނަނީ ބޮޑެތި ވިޔަފާރިތަކުން ކަމުގައި ވާތީއެވެ. އެ ވިޔަފާރިތައް ނުހިނގާ ހުންނަ ހުރުމުގެ ޖާއިޒު ވިޔަސް އަދި ނާޖާއިޒު ވިޔަސް ފައިދާ ނަގާ، ދައުލަތަށް ޓެކްސް ނުދައްކާ ނަމަ، އިގުތިސޯދު "އިނދަޖެހޭނެ" އެެވެ. ރާއްޖެ މިއޮތީ އެ ހާލަތުގައެވެ.

ލޮކްޑައުން އުވާލަނީ ޕްރެޝަރާ ހެދިތަ؟

މާލެ ސަރަހައްދުން ފެށި ލޮކްޑައުން މުޅި ރާއްޖެއަށް ބަދަލުވެ، ބަސް އަހައިގެން ގޭގައި ތިބި ބަޔަކު އެ ތިބި ގޮތަށް ތިބެ "ފޫޑު" ވެއްޖެއެވެ. ބަސް ނާހާ ނުކުމެ އުޅޭ މީހުން ހުއްޓުވާ އެކަށީގެންވާ ފިޔަވަޅެއް ނޭޅުނު އިރު ނުކުންނަން ނުޖެހޭ 4000 އަށް ވުރެ ގިނަ މީހުން މިއަދާ ހަމައަށް މަގުތަކަށް ނުކުތް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އުޅެން މާލޭގެ މަގުތައް އަމާނިއްޔާ ދެން ލޮކްޑައުންގެ ބޭނުމެއް ނެތެއްނުންތޯއެވެ. އެއީ ގޭގައި ތިބި މީހުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ވިޔަފާރިވެރިން، ލޮކްޑައުން އުވާލަން ގޮވާލަން ހިއްވަރަކަށްވެސް ވޭނޫންތޯއެވެ. ހަމަ އެއާއެކު ތަފާތު އެކިއެކި ބޭނުންތަކުގައި މާލެ އައިސް ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި 5000 އަށް ވުރެ ގިނަ މީހުންގެ އެދުމަކީ އަވަހަށް ރަށަށް ދެވުން ކަމަށް ވާއިރު ލޮކްޑައުން އުވިއްޖެ ނަމަ ރަށަށް ދިއުމަށް އޮތް ހުރަސް ނެތޭނެ ނޫންތޯއެވެ.

ރާއްޖެ ލޮކްޑައުންވެ އާންމު ދިރިއުޅުމުގެ އެތައް ކަމެއް ހުއްޓިގެން ދިޔުމާއި ތަންފީޒި އިދާރާތަކުގެ އަތްދަށުން އެތައް ކަމެއް ވީއްލިގެން ދިއުމުގެ "ރުޅިގަނޑު" މަޖިލީހުގެ ތަޅުމަށްވެސް ވަނީ "ބާލާފަ" އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު، މިހާރު ޖަލަްސާތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރައްޔިތުން އެދޭ ކަންތައްތައް ނުވަންޏާ ފަހަރަކު މީހެއްގެ (ސަރުކާރުގެ އެކިއެކި މަގާމުތަކުަގއި ތިބި މީހުން) އިތުބާރު ނެތްކަމަށް ނަންގަވަން ޖެހިވަޑައިގެންފާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މެންބަރުންގެ ކެތްތެރިކަން ކޮޅުން ލަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ކެތްތެރިކަން ވެސް ހިފެހެއްޓެވޭނީ ވަކި މިންވަރަކަށް ކަމަށެވެ. އަދި ހަމަ އެނޭވާގައި ވިދާޅުވީ، މަޖިލީހުގައި ގިނަ މެންބަރުން ވަކި ގޮތަކަށް ކަމެއް ފާހަގަ ކުރަން ފެށީމައި އެކަން ކަމާ ގުޅޭގޮތުން ސަރުކާރުގައި ހަވާލުވެ ތިއްބަވާ ފަރާތްތަކުން އެކަންކަމުގެ މައްޗަށް އަމަލު ނުކޮށް ތިއްބަވަންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވެސް ދެރަވެ، ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި، މާލޭގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބުމަކީ، އެތައް ބަޔަކަށް ވަރަށް ބޮޑު ގެއްލުމެއްކަން ހުރިހާ ބޭފުޅުންނަށް ވެސް އަދި ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

މިއާއެކު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ، ރަށްރަށަށް ދާން ބޭނުން ވާ މީހުންގެ ތެރެއިން 830 މީހަކު ކަރަންޓީނަށް ފޮނުވާފައެވެ. އަދި މިމަހުގެ 24 ގެ ނިޔަލަށް 1800 މީހަކު ކަރަންޓީނަށް ފޮނުވާލައްވަން މަސައްކަތްވެސް އެބަ ކުރައްވައެވެ.

މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގެ ލޮކްޑައުން އުވައިލުމުން، ހަލުވިކަމާ އެކު ކޮވިޑް ފެތުރި، ހާލަތު ގޯސްވުމުގެ ބިރު އެބައޮތް ކަމަށާއި އޮތް ހައްލަކީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އިސްކަން ދީގެން އެ ހާލަތާ ދުރަށް ދާން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

ނަފްސަށް ފިނިކޮށް ވައިޖައްސާލަން ދާނެ ތަނެއް ނެތް މި މާލެގައި ލޮކްޑައުން ވެ ނުވަތަ ގޭބަންދުވެގެން ތިބެން ޖެހުމަކީ އެކަމުގެ ސަބަބުން ލިބެމުންދާ ސިއްހީ ފައިދާތަކަށް ވުރެ ބޮޑަށް ނަފްސާނީ މައްސަލަތަކާއި ސިޔާސީ އެތައް ބާރުތަކެއް އެކަމުގެ ތެރެއަށް ވަދެފައި އޮތް ކަމެކެވެ. ސިޔާސީ ގޮތުން އެކިއެކި ބާރުތައް ބޭނުން ކޮށްގެން ލޮކްޑައުން އުވާލުމަށް ބާރު އަޅަމުން ދާ މީހުންގެ ތެރޭގައި މާލޭގައި 10، 12 ގޯތި ނުވަތަ ގެ ހަދައި ކުއްޔަށް ދީގެން އުޅޭ ފަރާތްތައްވެސް ހިމެނެއެވެ.

މާލެއަކީ ގިނަ އަދަަދެއްގެ ބަޔަކު ކުއްޔަށް އުޅޭ ތަނަކަށް ވާއިރު މާލޭގެ ރަށްވެހިންގެ ގޭގޭގެ ކުލިން ބޮޑުބައެއް އުނިވެ މިހާލަތުގައި އަމުދުން ކުލި ނުލިބޭ ރަށްވެހިން ބައިވަރެވެ. ލޮކްޑައުން އުވިއްޖެ ނަމަ، ކުލިކޮޅު ލިބޭނެ ކަމުގެ ޔަގީންކަމުގެ މައްޗަށްވެސް ލޮކްޑައުން އުވެން އެމީހުން އެދެއެވެ.

މިހެން ގޮސް މި ލިސްޓް ކިތަންމެ ވަރަކަށްވެސް ދިގު ކުރެވިދާނެއެވެ.

ކޮވިޑް ސާމްޕަލް ނަގާގޮތުގެ ތަސްވީރެއް

ލޮކްޑައުން އުވާލަން ޖެހި ހިސާބަކީ ކޮބާ؟

މާލެއިން ކޮވިޑް ފެނި ޕޮޒިޓިވް ވާ މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ފެށި އިރު އެކަން ކުރީ އައިޖީއެމްއެޗްގައި ހުރި މެޝިނަކުން އެކަންޏެވެ. އެ މެޝިނުން ކުރެވެނީ ދުވާލަކު 350 ޓެސްޓެވެ. ރާއްޖޭގައި ގައިން ގަޔަށް ކޮވިޑް ފެތުރެން ފެށުމާއެކު ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ އަދަދު އިސާހިތަކު ސަތޭކައިން، ހާހުން އަރައިގެން ދިޔައެވެ. ޓެސްޓް ކުރެވެން ހުރި ހަމަ އެކަނި މެޝިނުން "ހޯހޯ" ގޮވަން ފެށުމާއެކު އެތައް ސާމްޕަލެއް މެޝިނަށް ނުލެވި، އެތައް ދުވަހެއް ދިޔަ އިރު ކެޕޭސިޓީ އިތުރު ކުރަން މެޝިން ގެންނަން ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ.

މިއަދު އޭޑީކޭއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އައިޖީއެމްއެޗް އެއްކޮށްލުމުން ދުވާލަކު 995 ސާމްޕަލް ޓެސްޓް ކުރުމުގެ ގާބިލުކަން ލިބިފައި ވިޔަސް މިއަދާ ހަމައަށް އައި އިރު މެޝިނާ ހަމައަށް ނުދެވޭ 1500 އެއްހާ ސާމްޕަލް ހުރިކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން އެނގެއެވެ. ރާއްޖޭގެ އާބާދީ ދައްކައިދޭ "ކީ އިންޑިކޭޓާސް" ބުނާ ގޮތުން މާލޭގައި 294,982 އެއްހާ މީހުން އުޅޭ އިރު މިހާތަނަށް އަދި ނެގުނީ 10000 އެއްހާ މީހުންގެ ސާމްޕަލެވެ. އެއީ މާލޭގައި އުޅޭ މީހުންގެ އެންމެ 3.5 ޕަސެންޓެވެ. މުޅި ރާއްޖޭގެ އާބާދީ 557،424 މީހުންގެ 1.8 ޕަސެންޓެވެ. ލޮކްޑައުން އަށް ލުއިތައް ދޭން ވިސްނާއިރު އާބާދީގެ ބޮޑުބައިގައި ނުވަތަ 99 ޕަސެންޓް އޮތީ އަތް ނުލައެވެ.

ކޮވިޑަށް ސާމްޕަލް ނެގި 10000 މީހުންގެ ތެރެއިން ނަތީޖާ ލިބުނު 37 ޕަސެންޓް މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތި ޕޮޒިޓިވް މީހުންނެވެ. ސުވާލަކީ މިހާ ބޮޑު ޕަސެންޓެއްގެ މީހުންނަނީ އެއްވެސް އަލާމާތެއް ނެތި ޕޮޒިޓިވް މީހުން ކަމަށް ވާއިރު، ޓެސްޓް ނުކުރެވި އޮތް (މާލެ ސަރަހައްދުން ނަމަ 96.5 ޕަސެންޓް، މުޅި ރާއްޖެއިން ނަމަ 99 ޕަސެންޓް) މީހުންގެ ތެރޭގައި ސައިލަންޓް ކެރިއަރުންގެ ކިތައް މީހުން ތިބެދާނެތޯއެވެ.

ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި ބަޔަކު މާލެ ތެރޭގައި އުޅޭކަން އަދި ބެލިފައި ނުވާއިރު، ކޮވިޑަށް ޓެސްޓް ކުރަން މާލެ ތެރެއިން ނެގި ރޭންޑަމް ސާމްޕަލްތަކުން ބަޔަކު ޕޮޒިޓިވް ވެފައި ވުމަކީ މި ސައިލެންޓް ކެރިއަރުން މާލެ ތެރޭގައި އުޅޭ ކަމުގެ ސާފު ހެއްކެއް ނޫންތޯއެވެ. މާލޭގެ އާބާދީގެ 1.8 ޕަސެންޓް ޓެސްޓް ކޮށްލީމައި އައި ނަތީޖާއަށް ބަލައި ބޮޑު ޕަސެންޓެއް ޓެސްޓް ކޮށްލައިފި ނަމަ ނުކުންނާނެ ނަތީޖާ އަކީ ކޮބާތޯއެވެ.

ރާއްޖެއިން ކޮވިޑަށް މީހަކު ޕޮޒިޓިވް ވި ތާ 72 ދުވަސް ވެގެން ދިޔަ އިރު، "ރެޑީ ރެޑީ" ގައި އެކަށީގެންވާ ނަތީޖާއަކާ ހަމައަށް ނުދެވުނީ ކީއްވެތޯއެވެ. ކޮވިޑާ ގުޅިގެން މިއަދާ ހަމައަށް 873 މިލިއަން ރުފިޔާ ހަރަދު ކުރި އިރު ޓެސްޓް ކުރާނެ 10 ވަރަކަށް މެޝިން ގެނެސް ނުބެހެއްޓީ ކީއްވެތޯއެވެ.

މި ހުރިހާ ސުވާލުތަކެއް ކުރިމަތީގައި އޮއްވާ ލޮކްޑައުން އުވާލުމުން ދެން ނަތީޖާ އަންނާނެ ގޮތެއް ބަލައި ޖެހި ހިސާބަކީ ކޮބއިކަން އެނގެންޖެހެއެވެ. ލޮކްޑައުންއަށް ލުއި ދިނީމައި ނުވަތަ އުވާލީމައި ދެވަނަ ރާޅެއް އައިސް އިގްތިސޯދާއެކު ކޮވިޑްގައި އެންމެން "ހަނާ" ކޮށްލާނީތޯ ނުވަތަ ނޫންތޯ ބުނެދޭން ޖެހެއެވެ.