ކޮވިޑް19އާ ގުޅިގެން ދިމާވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ރިލީފް ޕެކޭޖު ކަނޑައެޅީ މޯލްޓިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާ މަޝްވަރާ ނުކޮށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

މަޓީން ނެރެފައި ބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ލޮޅުމުގެ ވާހަކަ ސަރުކާރުން ދައްކަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ. މިހާރު މިއޮތް ހާލަތުން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ކަމަށްވާނަމަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ބަނގުރޫޓުވެގެން ދާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ގެއްލުންތަކާއި ގުޅޭ ގޮތުން ތަފާތު އެކި ފޯރަމް ތަކުގައި ސަރުކާރާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.

އަދި ސަރުކާރުން ޓުއަރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށް އިއުލާނު ކުރި ރިލީފް ޕެކޭޖަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ގިނަ ފަރާތްތައް އެ ރިލީފް ޕެކޭޖަށް ޝަރުތު ހަމަ ނުވާ ކަމަށްވެސް މަޓީން ބުންޏެވެ. މަޓީން މިފަދައިން ބުނެފައި މިވަނީ އެ ރިލީފު ޕެކޭޖުން ފައިސާ ދޫކުރާނީ މުވައްޒަފުންގެ މުސާރައަށް ނުވަތަ ވަޒީފާއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ފަރާތްތަކަށް ކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ.

ކޮވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ރިލީފް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ. އެ ބޭންކްއިން ދާދިފަހުން ވަނީ 34 ވިޔަފާރިއަކަށް 45 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބުނެފައެވެ.