ކައިވެނީގެ ފުރަތަމަ ރޭގެ އުފާ ހާސިލުުކޮށް ނިންމާލުމަށް ފަހު، ރިމާން އޮތީ ގަދަ ނިދީގައެވެ. ރިމާންގެ ގާތުގައި އޮތް އޭނާގެ އަންހެނުން ޒިމީގެ ކަޅި ހުއްޓިފައިވަނީ ސީދާ ރިމާންގެ މޫނަށެވެ. ޒިމީގެ ބެލުމުގައި ވަނީ ހިތާމައާއި، ހިތްދަތިކަމެވެ. ވޭނާއި، ކެކުޅުމެވެ. އެވަގުތުވެސް ޒިމީގެ ދެލޮލުންް ކަރުނައިގެ ލަޝްކަރެއް، ސަފުހަދާފައި އޭނާގެ ކޯތާފަތްމަތީގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

ލަތްކަކަށް އެނދުން ތެދުވަމުން، ޒިމީ ބަލައިލީ އޭނާގެ ފޯނަށެވެ. ހަމައެއާ އެކު ޒިމީގެ މޭ ގުޑެން ފަށައިފިއެވެ. ހިތުގެ ހިނގުން ދުވަން ފެށީ ނުހަނު ބާރަށެވެ. ތެޅިތެޅި އޮތް ހިތަކާ އެކު، މަޑުމަޑުން ފިޔަވަޅު ނަގަމުން ޒިމީ ކޮޓަރިން ނުކުތީ ދެ ފިކުރެއްގައެވެ. ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ބާއޭ، އޭނާގެ ހިތް ތަކުރާރުކޮށް ސުވާލުކަމުން ގެންދިޔައެވެ. ޒިމީގެ މިސްރާބު ހުރީ ގޭގެ މައިދޮރާއި ދިމާލަށެވެ. ދޮރުގެ ތަޅުގައި ޒިމީ އަތް ޖައްސާލި އިރު، އޭނާގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.

ދެލޯ މަރައިލަމުން، ޒިމީ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ހިތަށް ލިބެމުންދާ ތުރާތަކާ އެކު، ޒިމީ މަޑުމަޑުން ގޭގެ ދޮރު ހުޅުވައިލިއެވެ. ދޮރު ކުރިމަތީގައި ހުރި މީހާ، ވައިހައްކަޅަ އަރާފައިވާ މިނިކާވަގެއް ފަދައިން ޒިމީގެ ގަޔަށް އަރައިގަތެވެ. ތެޅި ފޮޅެމުން ޒިމީ ގެންދިޔައިރު، އެމީހާގެ ދެއަތުން ޒިމީގެ އަނގަޔާއި ނޭފަތް ވަނީ ބަންދުކުރެވިފައެވެ.

ގަދަ ނިދީގައި އޮތް ރިމާނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އެނދުމަތީގައި ދެފަރާތަށް ފޮރޮޅިލަމުން، ރިމާން އެނދުން ތެދުވެ، މޯޅިއަކަށް ދެމެލިއެވެ. މުޅި ކޮޓަރިތެރެއަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރޭގައި، ރިމާން ކުރިއަށް ނެގި ފިޔަވަޅާއި އެކު އޭނާ ތަށިމުށިގަަނޑު މައްޗަށް ވެއްޓުނެވެ.

"އައްދޯއި!" ރިމާނަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ދެލޯ ރަނގަޅަށް ހުޅުވައިލުމާ އެކު، ރިމާން ފުންމައިގެން ބިންމަތިން ތެދުވެ، ކޮޓަރީގެ ލައިޓު ޖައްސައި މުޅިކޮޓަރިތެރެ އަލިކޮށްލިއެވެ. ފެނުނު މަންޒަރުން ރިމާން ހުއްޓުން އެރިއެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ހާސްވާ ގޮތްވިއެވެ.

"ޒި.. ޒިމީ!" ރިމާންގެ އަޑުގައި އެއްވެސް އޮމާންކަމެއް ނެތެވެ. ބިންމަތީގައި ވެއްޓިފައި އޮތީ އޭނާގެ އަނބިމީހާއެވެ. ޒިމީގެ ހަރަކާތް ވަނީ މުޅިން ހުސްވެފައެވެ. ލަސްލަހުން ފިޔަވަޅު ނަގަމުން ރިމާން ގޮސް ޒިމީގެ ގާތުގައި އިށީންނެވެ. އޭރު ރިމާންގެ ހަށިގަނޑުގެ ތެރޭގައި ދިޔައީ، ދިލަ، އާވި، ތޫފާނެއް އުފެދެމުންނެވެ.

ކުއްލިއަކަށް ރިމާންގެ ލޯ އަޅައިގަތީ، ތަށިމުށިގަނޑުމަތީގައި އޮތް ބޭސް ކާޑަށެވެ. ރިމާންގެ ދެލޮލަށް އެމަންޒަރު ބަލަން ކުޅަދާނައެއް ނުވިއެވެ. އޭނާގެ ދެލޯ ވަގުތުން ތެތްމާލީ، ކަރުނައިގެ ތިކިތަކުންނެވެ. ހިތް ހީވީ ހަށިގަނޑުން ވަކިވެގެން ދިޔަހެންނެވެ. ރިމާންގެ ދެއަތުން ޒިމީގެ ގައިގައި އަތްޖައްސާލިއެވެ. ޒިމީގެ މުޅި ހަށިގަނޑު ވަނީ ފިނިވެގެން ގަނޑު ވެފައެވެ. ޒިމީގެ ފުރާނައެއް ނެތެވެ. ކައިވެނީގެ ފުރަތަމަ ރޭ، ޒިމީއަށް އޭނާގެ ދިރިއުޅުމުގެ ދަތުރު ނިމުނީއެވެ. ރިމާންގެ ހިތްފަޅައިގެން ދިޔައެވެ. ކުއްލިއަކަށް އަޑުން އަޑުނަގައި، ރިމާން ވަރަށް ބާރަަށް ރޯންފެށިއެވެ.

އައު ހެނދުނަކަށް ދުނިޔެ މަރުޙަބާ ކިޔަމުން ދިޔައީ، މުޅި ޤައުމު ސިއްސުވައިލަމުންނެވެ. ޒިމީގެ މަރުގެ ޚަބަރު، ރާއްޖޭގެ އެކި މީޑިއާ ތަކުގެ ފަލަ ސުރުޙީގައި ވަނީ ލިޔެވިފައެވެ. ޒިމީގެ މަރުގެ ވާހަކަ އެކި މީހުން އެކި ގޮތްގޮތަށް ދައްކަމުން ގެންދިޔައިރު، ރިމާން ޤަބޫލުކުރަމުން ގެންދިޔައީ ޒިމީ އޭނާ ދޫކޮށްފައި ނުދާނެ ކަމަށެވެ. ޒިމީގެ މަރުގައި ފޮރުވިފައިވާ އެހެން ހަޤީޤަތެއް ވާނެ ކަމަށް ރިމާންގެ ހިތް ބުނަމުން ދިޔައެވެ. ޒިމީގެ ކަށުކަމާކެމީގެ ކަންތައް ކުރަމުން ކުރަމުން ދިޔައިރު، ރިމާންގެ ކަމަކީ ރޮއި، ހިތާމަ ކުރުމެވެ. ދެލޯ ހުޅުވައި، ދުނިޔެއަށް ބަލައިލާނެ ހިތްވަރެއްވެސް، އޭނާގެ ގަޔަކު ނެތެވެ. އެހާވެސް އޭނާވަނީ ބަލިކަށިވެފައެވެ. ހިތަށް އަސަރު ކޮށްފައެވެ.

ދުވަސްތައް މާޒީގެ ސަފުޙާގައި ދިޔައީ ލިޔެވެމުންނެވެ. ދިރިއުޅުމާ މެދު، ރިމާން މިހާރު މިވަނީ ނާއުއްމީދުވެފައެވެ. ޒިމީގެ ވަކިވެ ދިޔުން ޤަބޫލުކުރަން ރިމާން ބޭނުމެއް ނޫނެވެ. ޒިމީ އާ އެކު ދެކުނު ފޮނި ހުވަފެންތަކުގައި ކުލަ ނުޖެހި، ދެމީހުންގެ ލޯބި މިފަދަ ގޮތަކަށް ނިމިގެން ދިޔުމުން، ރިމާންގެ ހިތް މިއަދު މިވަނީ ހުއްޓިފައެވެ. ދިރި ހުރެމެ، ދިރުއުޅުން އޭނާއަށް ގެއްލިފައިވާ ފަދައެވެ.

ފުލުހުން މައްސަލަ ތަޙުޤީޤުކޮށް، ބަޔާން ނެރުނެވެ. ޒިމީ ބޭސް ކައިގެން އަމިއްލައަށް މަރުވިކަމަށް ފުލުހުން ނިންމިއެވެ. އެހެންނަމަވެސް ރިމާން ދެކުނީ އެއީ ހަމައެކަނި ފުލުހުންގެ ނިންމުން ކަމުގައެވެ. ޒިމީ އަމިއްލައަށް މަރުވެދާނެ ކަމަށް، ފަހަރެއްގައިވެސް ރިމާން ޤަބޫލެއް ނުކުރެއެވެ. އެޔަށް ވުރެށް ބޮޑަށް ޒިމީ، ރިމާން ދެކެ ލޯބިވާނެކަން، ރިމާނަށް ޔަޤީންކުރެއެވެ. މީހުން ދައްކާ ތަފާތު ވާހަކަތަކަށް ސަމާލުކަންދޭކަށް އެއްގޮތަކަށް ވެސް ރިމާން ބޭނުމެއް ނޫނެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. ރިމާން ގެއިން ނުކުމެގެން ސައިކަލަށް އަރައި މިސްރާބު ޖެހީ، ސީދާ ފުލުހުންގެ މައި މަރުކަޒާއި ދިމާލަށެވެ. ހަނު ހުރުމަކީ ހައްލެއް ކަމަށް ނުދެކޭތީއެވެ. ހިތުގައި އުފެދިފައިވާ، އިޙްސާސްތައް ބޭރުކޮށްލުމަށެވެ. ފުލުހުންގެ މަރުކަޒަށް ވަނުމާއި އެކު، ރިމާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒިމީގެ ހައްޤުގައި، ޒިމީއަށް އިންސާފު ހޯދައި ދިނުމަށްޓަކައި، ދުނިޔެއާއި ކުރިމަތިލުމަށް އާ ޢަޒުމެއްގައި ރިމާން ކަށިން ހިތްވަރު ނެރުނެވެ.

"އަހަރެން ޤަބޫލެއް ނުކުރަން. ތި ބަޔާނަކީ ދޮގެއް! އޮޅުވާލުމެއް! އަހަރެންގެ ޒިމީ އަހަރެން ދޫކޮށްފައެއް ނުދާނެ. ޒިމީ އަހަރެން ދެކެ ވަރަށް ލޯބިވޭ. ޒިމީ.. ޒިމީ އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ރޭ އެހެން ނުހަދާނެ. އަލުން މައްސަލަ ބަލައިދީ! ހެޔޮނުވާނެ!" ރިމާންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް، އޭނާގެ ދަތްދޮޅިން ތިކިތިކި ޖަހަމުން ދިޔައެވެ.

މައްސަލަ އަލުން ބަލައިދޭނެ ކަމަށް ބުނެ، ފުލުހުން ރިމާންގެ ކޮނޑުގައި ހިފައިލިއެވެ. ރިމާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެެވެ. ޒިމީގެ ހައްޤުގައި ބަސް ބުނެވުނީމައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ، ހީވެސް ނުކުރާހާ އަވަހަށެވެ. ޒިމީގެ ހަނދާނުގައި، ރިމާންގެ ޙަޔާތް އަދިވެސް ވަނީ ހުއްޓިފައެވެ. ރިމާން ވަށައިގެންވަނީ ދިރިމެއްނެތް، ޒިމީގެ ހަނދާންތަކެވެ. އެ ހަނދާންތަކުގައި ރޭދުވާ ދައުރުވަމުން ދިޔައީ ޒިމީގެ ލޯބިލޯބި ސޫރަ ހިތުގައި ރަސްކަން ކުރަމުންނެވެ. ފުލުހުން މައްސަލަ ބަލަމުން ދިޔައިރު، ރިމާންގެ ހިތުން ކުރެވެމުން ދިޔައީ ޒިމީއަށް އިންސާފު ލިބުމަށް އެދި ދުޢާތަކެވެ.

މުޅިން އައު ދުވަހަކަށް ހަސްތީއަށް އިރު ފައުޅުވެއްޖެއެވެ. އެނދުމަތީގައި ފައި ވަށްކޮއްލައިގެން ރިމާން ބަލަމުން ގެންދިޔައީ، އޭނާ އާއި ޒިމީގެ ފޮޓޯތަކުން ފުރާލާފައި އޮތް އަލްބަމަށެވެ. ކުއްލިއަކަށް ރިމާންގެ ކަޅި އަޅައިގަތީ، އަލްބަމުގެ ތެރޭގައި އޮތް ކުޑަ ކަރުދާސްކޮޅަށެވެ.

"އަހަރެން އިތުރު ފޯނެއް ބޭނުން ކުރަން. އެ ފޯނު އޮންނާނެ އެންމެ ތިރީ ކަބަޑުގަ" ކަރުދާހުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔައި ލުމާއި އެކު ރިމާންގެ ނޭވާ އަވަސްވާ ގޮތްވިއެވެ. ވަރަށް އަވަހަށް ގޮސް ތިރީ ކަބަޑު ރިމާން ހުޅުވާލިއެވެ. ކަބަޑުގެ ތެރޭގައި އޮތީ ނޯކިއާ ބައްތިއެކެވެ. ރިމާންގެ ގައިން ދާތިކިތަށް ހިލެން ފެށުނެވެ. ފޯނުގައި ހުރި މެސެޖެތައް ބަލައިލިއިރު، އިންބޮކްސްގައި އެއްވެސް މެސެޖެއް ނެތެވެ. ނަމަވެސް، ޑްރާފްޓްގައި، އެއް މެސެޖުވަނީ ސޭވް ކުރެވިފައެވެ.

ޖެހިލުންވެ، މޭތޭޅޭ ހާލުގައި ރިމާން މެސެޖު ކިޔަން ފެށިއެވެ. އޭގައި ލިޔެފައިވާ ކޮންމެ ބަހަކުން، ރިމާނަށް ހީވީ އޭނާގެ ހިތަށް ތޫނު ހަންޖަރެއް ހަރައިލިހެންނެވެ. ރިމާންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފަށައިފިއެވެ. ރިމާންްގެ ތިރީ ތުންފަތް ތެޅެމުން ދިޔައީ، އޭނާއަށް ކޮށްފައިވާ ފުން ހިތި އަސަރުންނެވެ. ފޯނު ދުރުކޮށްލަމުން ރިމާން އޭނާގެ މޫނުމަތީގައި އަތް އަޅައި ރޯން ފެށިއެވެ. މެސެޖެގައި ލިޔެފައި އޮތެވެ.

"ރިމާން، އަހަރެންނަށް މަޢާފުކުރޭ! އަހަރެން ރިމާނާ ކައިވެނިކުރީ، އަހަރެންގެ ބައްޕަގެ ޖިންސީ އަނިޔާތަކުން ސަލާމަތް ވުމަށް. ނަމަވެސް އެކަން އަހަރެންނަށް ކާމިޔާބެއް ނުވި. ކައިވެނީގެ ފުރަތަމަރޭ މިގެއަށް އައިސް.. އަހަރެންނަށް އަނިޔާކޮށް، އޭނާ ބޭނުން ކަމެއްކޮށްފަ އެދިޔައީ. އަހަރެންގެ ނުރުހުމުގަ، ނެގި އަހަރެންގެ ބަރަހަނާ ފޮޓޯތައް ލީކް ކޮށްލާނެ ކަމަށް ބުނެ ބިރުދެއްކީ.. އަހަރެންގެ ބައްޕަ އަހަރެން އަމިއްލައަށް މަރުވުމަށް މަޖުބޫރުކުރީ.. މިއަދު އަހަރެންނަށް ގޮތް ހުސްވެއްޖެ.. އަހަރެން ވަކިވިޔަސް، ތާއަބަދު އަހަރެން ރިމާންދެކެ ލޯބި ވާނަން!" ޒިމީއަށް ވީގޮތް އެނގުމުން ރިމާންގެ މުޅިގައި ދިޔައީ ތުރުތުރު އަޅަމުންނެވެ.