ދެހާހުގެ އަހަރުތަކުގެ ކުރީކޮޅެވެ. ރެޔަކީ ކަޅުފޮއި ރޭތަކުގެ ތެރެއިން ރެޔެކެވެ. އުޑުމަތި ހީވަނީ ކަޅު ފަރުދާއަކުން ނިވާކޮށްލެވިފައި ވާހެންނެވެ. ގަޑިން ރޭގަނޑު ދިހަގަޑި ބައި ވީއިރު ރަށުތެރެއިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ގޭގޭގެ ދޮރުތައްވަނީ ލައްޕާ، ހުދު އަލީގެ ހޮޅިބުރިތައް ނިދާ ބޮތްކަށް ބަދަލުކުރެވިފައެވެ. އަހަރެންވެސް އޮފީހުގައި ކުރަންވެފައި ހުރި ބައެއް މަސައްކަތްތައް ނިންމާލުމަށް ފަހު އައިސް، ކައިގެން، ނިދުމުގެ ކުރިން އިނީ ގޭ ފެންޑާގައި އެލުވާފައި ހުރި އުނދޯލީގައި ދުފާލާށެވެ. އަހަރެންނަށް ކާން ހަދާދިނުމަށް ފަހު އޭރު މަންމަ ނިދަން ވަދެއްޖެއެވެ.

ރަށަކީ ތިންސަތޭކައެއްހާ މީހުން ދިރިއުޅޭ، އާބާދީ ކުޑަ، ދީންވެރި ރައްޔިތެއް އުޅޭ ރަށެކެވެ. ރަށުގައި ތަޢުލީމީ ފެންވަރު ރަނގަޅު ނުވުމާއި ވަޒީފާގެ ފުރުޞަތު މަދުކަމުން ގިނަ ބަޔަކު ދިރިއުޅެމުން ދަނީ މާލެއާއި އަތޮޅުގެ އެހެން ރަށްރަށުގައެވެ. ރަށުގެ ބޮޑުބަޔެއް ވަނީ ފަޅުވެފައެވެ. ފަޅު ގެތައް ވަރަށް ގިނައެވެ.

ބައްޕަ ނިޔާވިފަހުން ގޭގައި އުޅެނީ އަހަރެންނާއި މަންމަ އެކަންޏެވެ. ދެބައި އުމުރަށް އެޅިފައި ވާއިރު އަދިވެސް އަހަރެން މީހަކާ ނުއިނދެ ހުންނާތީ މަންމަ އެކަމާ ވަރަށް ޝަކުވާ ކުރެއެވެ. ނަމަވެސް އަހަރެން ގަބޫލު ކުރާ ގޮތުގައި ކައިވެންޏަކީ މީހަކު ބުނެގެން މީހަކަށްޓަކައި ކޮށްދެވޭނެ ކަމެއް ނޫނެވެ. މަންމަގެ އުމުރު ފަންސާހުން މައްޗަށް ގޮސްފައި ވާއިރު ދުވަހެއް ދުވަހަކަށް ގައިގެ ބާރު ދެރަވާކަން އެނގިހުރެ، އަހަރެން ބޭނުންވަނީ މަންމައަށް ފަސޭހަ ކޮށްދޭނެ، އަހަރެންނަށްވެސް އަޅާލާނެ، ޚުލްޤު ހެޔޮ ބައިވެރިއެކެވެ. އެކަހަލަ ކުއްޖަކާ އަދި ދިމާ ނުވަނީއެވެ. ރަށު ސްކޫލުން ގްރޭޑް ދިހައެއް ނިންމުމަށް ފަހު ރަށު އޮފީހުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ވަޒީފާއަށް ވަނީއްސުރެ އަހަރެން އަދިވެސް މިހުރީ އެ މަޤާމުގައެވެ. އިތުރަށް ކިޔަވަން ދާން ބޭނުންވި ނަމަވެސް މަންމަ އެކަނި ބަހައްޓާފައި ދާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ދިރިއުޅުމާމެދު ޚިޔާލުކުރަން އިނުމަށް ފަހު ގަޑިން އެގާރަ ޖެހުމާ އެކު މައި ދޮރޯށްޓާއި ގޭ ދޮރު ތަޅުލުމަށް ފަހު އަހަރެން ނިދަން އޮށޯތީމެވެ. އަހަންނަކީ ވަރަށް ނިދި ދޫ މީހެކެވެ. ލޯ މެރުނުތާ މާ ގިނަ އިރެއް ނުވާނެއެވެ. ހޭލެވުނީ ބޭރުން އަޑެއް އިވޭހެން ހީވެގެންނެވެ. އެއީ އެއްވެސް ވަރަކަށް ވައި ޖެހޭ ރެޔަކަށް ނުވާތީ ވަރަށް ސާފުކޮށް އެއަޑު އަހަންނަށް އިވެއެވެ. އަޑު އަންނަ ދިމާއެއް ދެނެގަންނަން އިރުކޮޅަކު ވިސްނަން އޮތީމެވެ. އޭރު ގަޑިން ދަންވަރު ބާރަ ޖަހައިފިއެވެ. އަޑު އަންނަނީ ގޯތި ތެރެއިންނެވެ. މަންމައަކީ ގަސް ހައްދަން ފޯރިހުންނަ މީހެއްކަމުން ގޭ މައި ދޮރުން ގޯތިތެރެއަށް ވަންނަ އިރު، ހިނގުމަށްޓަކައި މެދަށް ހަނި މަގެއް ދޫކޮށްފައި ދޮރާށީގެ ދެފަރާތުގައިވެސް ހުންނަނީ އެކި ކަހަލަ ގަސް ހައްދާފައެވެ. ދޮންކެޔޮ، ބަނބުކެޔޮ، އަނބު، ޖޭމު، ބަށި، މިރުސް މިހެން ގޮސް ނަން ހުސްކޮށް ބޮޑެތި ގަސް ހުރެއެވެ. ފެންޑާގައި ބޮތްކެއް އިންނަމަވެސް ރޭގަނޑު ގަސްތަކުގެ ތެރެއަށް އެއްވެސް ވަރަކަށް އަލިކަމެއް ނުފޯރައެވެ.

ފަނަރަވަރަކަށް މިނެޓު ވީއިރުވެސް އެއަޑު ނުކެނޑުމުން އަހަރެން މަޑުމަޑުން ތެދުވީމެވެ. އަހަންނަކީ ފިރިހެނަކަށް ވީނަމަވެސް ކަންކަމާ ވަރަށް ޖެހިލުންވާ މީހެކެވެ. ނަމަވެސް ކުރުސިއާ، އެނގުނު ހެޔޮ އެއްޗެއް ކިޔަމުން ހިތްވަރު ކޮށްލާފައި ތެދުވެ ބޭރު ދޮރު ހުޅުވީމެވެ. އޭރުވެސް އެއަޑު އިވިއިވި ހުއްޓެވެ. ރަށަކީ އަޚުލާޤު ރަނގަޅު ބަޔަކު އުޅޭ ރަށެއް ކަމުން ވަށްކަމުގެ ކަންކަން އެއްވެސް ވަރަކަށް ނޯވެއެވެ. ގޭގޭގެ ވަށާ ފާރުވެސް ހުންނަނީ ވަރަށް ތިރިކޮށެވެ. އަހަރެންގެ ގޭގެ ވަށާފާރުވެސް ތިރި ނަމަވެސް ގަސްތަކާހެދި އޮންނަނީ ފޮރުވިފައެވެ. އަހަރެން ދޮރު ހުޅުވާލި އަޑު އިވިގެން ކަންނޭނގެއެވެ. އިވެމުން ދިޔަ އަޑު ކުއްލިއަކަށް ކެނޑުނެވެ. އިރުކޮޅަކު ފެންޑާގައި މަޑުކޮށްލުމަށް ފަހު އަހަރެން އަނެއްކާވެސް ދޮރު ތަޅުލާފައި ގޮސް އޮށޯތީމެވެ. އެތައް އިރެއް ވީއިރުވެސް އެރޭ ދެން އެއަޑެއް ނުއިވެއެވެ.

ދުވަސްތައް އާދައިގެ މަތިން ކުރިއަށް ދިޔައެވެ. އެރޭ އިވުނު އަޑު ފަހުން އަހަރެންނަކަށް ނުއިވެއެވެ. މަންމަ ބިރުގަނެފާނެތީ މަންމަ ކައިރީ އަހަރެން އެވާހަކައެއް ނުދައްކަމެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަހަރެން ހުރީ އެކަން މަތިން ހަނދާންވެސް ނެތިފައެވެ.

ޖެހިގެން އައި ހަފްތާގެ ހުކުރު ވިލޭރެއެވެ. އާދައިގެ މަތިން އެގާރަ ޖެހުމުން އަހަރެން ނިދަން އޮށޯތީމެވެ. ދެބަނިދީގައި އޮއްވާ އެއްކަލަ އަޑު އިވެން ފެށިއެވެ. ހީވަނީ އިސްތަށްޓެއްގެ ދެކޮޅުގައި ހިފުމަށްފަހު މެދުގައި ކޮށްޓާލުމުން އިވޭ ކަހަލަ އަޑެއް ހެންނެވެ. އަޑު އައީ ވަރަށް މަޑުންނެވެ. އިރުކޮޅަކު އަޑު އަހަން އޮތުމަށްފަހު އަހަރެން ތެދުވީމެވެ. ހިތަށް އައި ހުރިހާ ހެޔޮ އެއްޗެއް ކިޔަމުން ވަރަށް މަޑުމަޑުން ގޭ ދޮރު ހުޅުވާލީމެވެ. އަޑު އަންނަނީ މައި ދޮރޯށީގެ ވާތް ފަޅިން، ގަސްތަކާ ދިމާއިންނެވެ. ކިތަންމެ ބިރުން ހުރިނަމަވެސް އަހަރެން މަޑުމަޑުން ގޮސް ގަސްތަކާ ކައިރިވެލީމެވެ. އޭރުވެސް އެއަޑު ނުކެނޑެއެވެ. ގަސްތަކުގެ ތެރެއަށް އަލިކޮށްލަން ބަލާލިއިރު ޖީބުގައި ފޯނެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ކުރުސި ކިޔަވާފައި މަޑުމަޑުން ގަސްތަކުގެ ތެރެ ހާވާލީމެވެ. ގަސްތައް ފޭވާ އަޑު ހަމަ އިވުމާއެކު ކުއްލިޔަކަށް އެއްކަލަ އަޑު ކެނޑުނެވެ. ނަމަވެސް އަހަރެންގެ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. އެހެން ނަމަވެސް ދެން ވީ މާ ބިރުވެރި ކަމެކެވެ. ކުއްލިޔަކަށް ބާރު ބާރަށް އެތެރޭގައި ހުރި ގަސްތައް ތެޅިގަތުމަށް ފަހު "ބަން" ލާފައި ގޭ ބޭރުން އަޑެއް އިވިގެން ދިޔައެވެ. އަޑު އިވުމާއެކު އަހަރެންވެސް ބަލަން ނުހުރެ މައި ދޮރޯށްޓާ ދިމާއަށް ދުއްވައިގަތީމެވެ. އެދިޔަގޮތަށް ގޮސް ދޮރު ހުޅުވާލުމަށް ފަހު ދެފަރާތް ހޯދަން ފެށީމެވެ. ނަމަވެސް އެއްވެސް ކަމެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ވަށައިގެން ވީ ކަނު އަނދިރިކަމެވެ. ގެއާ ޖެހިގެން ދެފަރާތުގައި ވެސް ހުންނަނީ ފަޅު ދެ ގެއެވެ. ދަންވަރުގެ އެ ހަމަހިމޭން ކަމުގައި އެތާ މާ ގިނަ އިރު މަޑުކުރާކަށް އަހަންނަކަށް ނުކެރުނެވެ. އެހެންކަމުން އަވަހަށް ގެއަށް ވަދެ ދޮރުތައް ތަޅުލާފައި ގޮސް އޮށޯތީމެވެ.

އަހަންނަކީ ބަރާބަރަށް ނަމާދުކޮށް، ޤުރުއާން ކިޔަވާ، ވީވަރަކުން މީހުންނަށް އެހީވެ ދީ، ހެޔޮ ކަންކަން ކުރުމަށް އިސްކަންދޭ މީހަކީމެވެ. ކުއްލިއަކަށް އަހަންނަށް މި ދިމާވާން ފެށި ކަމަކާ ހެދި ސިކުނޑި ސުމަކަށް ދާވަރު ވިއެވެ. އަހަރެންގެ މާގިނަ ރައްޓެހިންތަކެއް ނުތިބެއެވެ. މިކަހަލަ ކަމެއް ހިއްސާކޮށްލާހާ ގާތް މީހަކު ނުހުރެއެވެ. މިކަމާ ކުރިމަތިލާން މިހުރީ ހަމަ އަހަރެން އެކަންޏެވެ. ކިތަންމެ ބިރުގަތް ނަމަވެސް މިކަން ހޯދުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ. މަންމައާއި އަހަރެންގެ ރައްކަލަކަށްޓަކައެވެ.

ޖެހިގެން އައި ކޮންމެ ރެއަކުވެސް ދަންވަރު ބާރަ ޖަހަންދެން އަހަރެން ހޭލާ ހުރީމެވެ. ރޭވުމާއި އެއްގޮތަށް ޢަމަލުކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވީމެވެ. ރައްކަލަކަށްޓަކައި ގޭގޭގެ ފާރުގައި ކުރުސި ލިޔެފައިވާ ފްރޭމް ހަރުކޮށްފައި ހުންނާތީ ފެނެއެވެ. އެހެންކަމުން ކުރުސި ލިޔެފައިވާ ގަނޑުކޮޅެއް ޖީބަށްލާ، ޓޯޗެއް ވެސް އަބަދު ކައިރީގައި ބޭއްވުމަށް އަހަރެން އިސްކަން ދިނީމެވެ. ނަމަވެސް ހަފްތާއެއްވެގެން ދިޔައިރުވެސް އެކަމުގެ އެއްވެސް ޢަލާމާތެއް ނުވިއެވެ. އެހެން ނަމަވެސް އަހަރެން ކޮންމެ ރެޔަކުވެސް ނިދަނީ ސިކުނޑި އެކަމަށް ތައްޔާރު ކޮށްގެން އޮވެއެވެ.

ޖެހިގެން އައި ހަފްތާގެ ހުކުރު ވިލޭރެއެވެ. އެ ކަންތައްގަނޑުގެ އެއްވެސް ހިލަމެއް ނުވާތީ އާދައިގެ މަތިން އެގާރަ ޖެހިއިރު އަހަރެން ނިދަން އޮށޯތީމެވެ. ނިދިގެން މާގިނައިރެއް ނުވެ ކުއްލިއަކަށް ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނީ އެއްކަލަ އަޑު މާ ގަދައަށް އިވެން ފެށުމުންނެވެ. ބަލާކަށް ނޯވެ ތެދުވެ ޓޯޗު އަތަށް ހެޔޮވަރު ކޮށްލާ، ސޯޓުގެ ޖީބުގައި ކުރުސި ލިޔެފައިވާ ގަނޑުކޮޅު އޮތްތޯ ޗެކުކޮށްލީމެވެ. އަދި ފައިވާނަށް ވެސް ނާރާ ފިޔަވަޅުގެ އަޑު އަމިއްލައަށްވެސް ނުއިވޭހާ މަޑުން ނުކުމެ ދޮރު ހުޅުވާ، ގަސްތަކާއި ދިމާއަށް މިސްރާބު ޖެހީމެވެ. އެހެން ރޭރެއަށް ވުރެ ގަދައަށް އެއަޑު އިވޭތީ އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައިސްދާނެހެންނެވެ. ނަމަވެސް ކުރުސި، ސޫރަތުލް ފާތިޙާ، ފަލަޤް، ނާސި އަދި އިޚްލާޞް މެދު ނުކެނޑި ކިޔަވަމުން މަޑުމަޑުން ގަސްތަކުގެ އެތެރެއަށް ވަންނަން ފެށީމެވެ. އަހަރެންގެ ޢަޒުމަކަށް ވީ ވީހާވެސް މަޑުމަޑުން ވަނުމެވެ. އަޑު އަންނަ ދިމާ ޔަޤީންވުމާއެކު އަހަރެން ކުއްލިއަކަށް އަތުގައި އޮތް ޓޯޗުން އަލިކޮށްލީމެވެ.

ފެނުނު މަންޒަރުން އަހަރެން ސިއްސައިގެން ގޮސް ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. ގަސްތަކުގެ ތެރޭގައި ލޯމަރާލައިގެން ގިޓައެއް ހިފައިގެން ކުޅެން ހުރީ އަވަށްޓެރި ހައްވައްތަގެ ދަރިފުޅު މުބީނެވެ.

ކަންތައް ވީގޮތް ރަނގަޅަށް ބެލިއިރު މިވީ ވަރަށް ވެސް ހީނުކުރާ ގޮތެކެވެ. މުބީނަކީ ސާދަ އަހަރުގެ ކިޔަވާ ކުއްޖެކެވެ. ރަށަކީ މާބޮޑަށް ތަރައްޤީވެފައި އޮތް ރަށަކަށް ނުވެފައި، މިޔުޒިކަކީ ރަށު ރައްޔިތުން މާ ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް މުބީނަކީ ގިޓާ ކުޅެ، ލަވަ ކިޔުމަށް މާ ޝައުޤުވެރިވާ ކުއްޖެކެވެ. މުބީންގެ ގޭގައި މުބީންގެ ހަގަށް އަދި ފަސް ކުދިން ތިބެއެވެ. ގިޓާ ކުޅެ ލަވަ ކިޔުމަކީ މަންމަމެން ހިތްހަމަ ޖެހޭ ކަމަކަށް ނުވެފައި ގޭގައި ކޮއްކޮމެންގެ އުނދަގުލާ ހެދި މުބީނަށް ގިޓާކުޅެލުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ނުލިބެއެވެ. އަދި މަގުމަތީގައި މިކަން ކުރުމަކީވެސް ރަށު ރައްޔިތުންގެ ބަދުބަސް ލިބޭ ކަމަކަށް ވަނީ ވެފައެވެ. ވީމާ، ރައްޓެއްސެއްގެ އަތުން ގިޓައެއް ގެނެސް އެކަނި ހުރެ ގިޓާ ކުޅެލަން އޭނާއަށް ފެނުނު އެންމެ ރަނގަޅު ތަނަކަށް ވީ އަހަރެމެން ގޭ ގަސްތަކުތެރެއެވެ. ފަޅު ގޭގެއަށް ވަދެ ހުންނަން ޖެހިލުން ވާތީ، ގިޓާ ލިބޭ ދުވަސް ދުވަހުގެ ރޭގަނޑު އެންމެން ނިދުމުން އޭނާ ސިއްރު ސިއްރުން ފާރު މަތިން އަރައިގެން ވަންނަނީއެވެ. އަހަންނަށް މި ވާހަކަތައް ކިޔައިދިން އިރު މުބީން ހުރީ ލަދުން މިލާ މޯޅިވެފައެވެ. ތަކުރާރުކޮށް މިވާހަކަ ސިއްރުކޮށްދިނުމަށް އޭނާ އަހަރެންގެ ކިބައިން އެދުނެވެ. މިއަދާ ހަމައަށް އަހަރެން މި ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވީމެވެ. ވީމާ ތިޔަ ބޭފުޅުންވެސް މިވާހަކަ ސިއްރުކޮށްދޭށެވެ!

(ނިމުނީ)