ސައޫދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

ކަދުރު ބަހާ އުސޫލަށް އަލިއަޅުއްވާލައްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ، 50 ޓަނުގެ ކަދުރު ބަހާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ފަގީރުންގެ ގޭބިސީއަތަކަަށް ކަމަށެވެ. އެއަށްފަހު ބާކީ ގެތަކުގެ ނިސްބަތަށް ބަލާއިރު ތިން ގެއަށް ޖެހެނީ ޕެކެޓެއް ކަމަށްވާތީ އެންމެ ކުރިން ކަދުރު ބަލާ އަންނަ މީހުންނަށް އިސްކަންދީގެން ކަދުރު ބެހުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ، މާލެ އަދި ވިލިމާލެއަށް ކަދުރު ދޫކުރަމުންދާނީ މާލެސިޓީ ކައުންސިލުން ކަމަށާއި، ހުޅުމާލެއަށް ކަދުރު ދޫކުރަނީ ހައުސިންގ ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ކަމަށެވެ. އަތޮޅުތެރޭގެ ރަށްތަކަށް ކަދުރު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އަޒީޒް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެމަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު، އޭގައި ހިމެނެނީ 2 ކިލޯގެ ،25000 ކަދުރު ޕެކެޓް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ސައުދީން ކޮންމެ އަހަރެއްގެ ރޯދަމާހާ ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.