ކޯޓުތަކުގެ އަޑުއެހުންތައް މެދުކެނޑި، މި ދަނޑިވަޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ އިންސާފެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ވަކީލުން ޓީމުގައި ހިމެނިވަޑައިގަންވާ ވަކީލް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދި މި ދަނޑިވަޅަކީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު ކަމަށެވެ. އަދި ކުރިއަށް އޮތީ ރޯދަމަހަށް ވެފައި މި ހާލަތަށް ބަލައި އިދިކޮޅު ލީޑަރަށް އިންސާފު ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. އެގޮތުން އަޑުއެހުންތައް މެދުކެނޑި އެ މަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެ، އިހްސާންތެރިކަން އިސްކުރުމަށް ޖަމީލް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ، ކޮރޯނާވައިރަސްގެ ވަބާގެ ސަބަބުން މުޅި ގައުމު ހުއްޓުމަކަށް އައިސް، އިގްތިސޯދީ ގޮތުން ނޭނގޭ ވަރުގެ ފުން ވަޅުގަނޑަކަށް މި ގައުމު ވެއްޓުމުގެ ބިރު ބޮޑު ކަމަށެވެ. މި ދަނޑިވަޅުގައި އެތައް ބަޔަކު ބަނގުރޫޓް ނުވާނެ ގޮތަކާއި ކުރިމަތިވަމުން އަންނަ ތަދުމަޑުކަމުން އަރައިގަނެވޭނެ ގޮތް ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުންނަވާ ގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް އާއިލާއިން ވަނީ އެދިފައެވެ. ނަަމަވެސް އެކަމާ ގުޅޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ވިދާޅުވެފައި ވަނީ، ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލު ހުކުމަކާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
5 މިލިޔަން ޑޮލަރު ދައްކަބަލަ ފުރަތަމަ. ތިޖޫރި ވަގައްނެގީމަ ވެސް ގޭގަތަ ބަހައްޓަންވީ.