އަލަށް އުފައްދާފައިވާ ގައުމީ ޝިޕިން ކުންފުނި ކަމަށްވާ މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެމްއެސްއެސްގެ މައި ކުންފުނި އެސްޓީއޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށެވެ. އެކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އަމިއްލަ ބޯޓެއް އޮތުމަކީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އަގުތައް ހެޔޮވެގެން ދާނެ ކަމަށެވެ. މި ބޯޓަކީ 700 ކޮންޓެއިނަރުގެ ޖާގައިގެ ބޯޓެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިފިންގެ ފުރަތަމަ ބޯޓު މިމަހުގެ ތިރީސްވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.
އެސްޓީއޯއަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުންޏަކަށް ވާއިރު އެކުންފުނިން މިހާރު ބޭނުން ކުރަމުން ގެންދަނީ އެހެން ފަރާތްތަކުގެ ބޯޓުތަކެވެ. އެސްޓީއޯއިން އަމިއްލަ ބޯޓެއްގެ ގޮތުގައި ގެންގުޅެމުން އަންނަނީ ތެޔޮ ޓޭންކަރެކެވެ. ނަމަވެސް އެސްޓީއޯގައި ޝިޕިންލައިން އެއް ހެދުމުގެ މަސައްކަތް ފަށާ ކުރަންޖެހޭ ހުރިހާ ދިރާސާއެއް ކޮށްފައިވަނީ މި ތެޔޮ ޓޭންކަރު ގެނައުމުގެ ތެރޭގައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ.