މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މެދު ރާއްޖެތެރޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހެކި ނެތުމުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 22ވަނަ ދުވަހު ހިނގި އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 19 އަހަރުގެ ދެމީހުންނާއި 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ހައްޔަރުކޮށްފައެވެ. ނަމަވެސް މިހާރު އެ އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ.

ގެސްޓު ހައުސް އަކަށް ގެންގޮސް އެ ކުއްޖާ ރޭޕްކުރި މައްސަލަ އަނބުރާ ފޮނުވާލީ ހެކި ނެތުމުން ކަމަށް ޕީޖީން ބުނެއެވެ. އެކަމުގެ އިތުރު ތަފްސީލެއް ޕީޖީ އަކުން ނުދެއެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެގެން ގޮސްފައެވެ. އެފަދަ މައްސަލަތައް ރިޕޯޓު ކުރުން އިތުރުވެގެން ދިޔައީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމުންނެވެ. އެ މައްސަލާގައި އެ ދެ މީހުން ހައްޔަރުވެސް ކުރިއެވެ. އަދި މިހާރު އެ ދެ މީހުންގެ ޝަރިއަތްތައް ވެސް ވަނީ ފަށާފައެވެ. މި މައްސަލައާ ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމާއި ގުޅޭ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.