ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވިއެޓުނާމުގައިވެސް ފެތުރެމުން އަންނާތީ އެގައުމަށް ދަތުރުކުރާ ދިވެހިންނާއި އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ވިއެޓްނާމުން ވަނީ ރެއިން ފެށިގެން އެގައުމަށް ބިދޭސީން އެގައުމަށް ވަނުން މަނާކޮށްފައެވެ. ފޮރިން މިނިސްޓްރީން ވަނީ ވިއެޓްނާމްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ވިއެޓްނާމްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓްރީ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން، ވިއެޓްނާމްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ވިއެޓްނާމްގައި ދިރިއުޅޭ ދިވެހި ރައްޔިތުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓްރީ ކުރުމަށް އެދޭ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. .

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

އެގައުމުން ވަނީ ކަޒަކްސްތާނާއި ބަންގްލަދޭޝްއާ އިނގިރޭސިވިލާތާއި މެލޭޝިޔާ އަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިން ސަލާމުވުމަށް މީގެކުރިން އިލްތިމާސްކޮށްފައެވެ.