ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ވެސް މިހާރު ފެނިފައިވުމާއި ގުޅިގެން އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމި ނަމަވެސް އެ ހަފްތާގެ ބައެއް ދުވަސްތަކުގައި ބޭންކުތަކުން ހިދުމަތް ދެމުން ގެންދާނެ ކަމަށް މަރުކަޒީ ބޭންްކް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭ އިން ނެރެފައިވާ އިއުލާނެއްގައި ބުނީ މާޗުމަހު 19 އިން 26 އަށް ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް އެމްއެމްއޭއާ ބޭންކުތަކުގެ ހިދުމަތްތައް އެ ހަފްތާގެ ތިން ދުވަހު ދެމުން ގެންދާނެ ކަމަށެވެ. އެގޮތުން މިމަހުގެ 19ވަނަ ދުވަހާއި 23ވަނަ ދުވަހުގެ އިތުރުން 26 ވަނަ ދުވަހު އެމްއެމްއޭއާ ބޭންކުތަކުން ހިދުމަތް ދެމުން ގެންދާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެމްއެމްއޭ އިން ބުނީ އެ ދުވަސްތަކުގައި އެ އިދާރާއިން ފައިސާ ބަލައިގަނެ، ދޫކުރާނީ ހެނދުނު 9:30އިން ފެށިގެން 11:30އަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރަނީ ހެނދުނު 9:30 ހުން 11:00ށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. މީގެއިތުރުން ސަރުކާރުގެ އޮންލައިން ޕްލެޓްފޯމް ޖެމްސް ބޭނުންކުރާ ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] އިން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައި ވާއިރު ޒަރޫރީ ކަމެއްގައި ނޫން ގޮތަށް ގެއިން ބޭރަށް ނުނިކުތުމަށް ސަރުކާރުގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ އަންގާފައެވެ.