ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމުން ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ފެށި ޓެލެކިލާސް ޕްރޮގުރާމުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތައް ނިންމާފައިވަނީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރުމަށް ނިންމުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް ފާހަގަކޮށް އެކަންކަމުގައި ދަރިވަރުން މަސްއޫލު ކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ދީނީ ކަންތައްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ އާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކްރީން ޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ހިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަދި ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރި ކުރުވުމާއި ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވޭނެ ހަރަކާތްތަކުގައި ދަރިވަރުން މަޝްއޫލުކުރުމާއި ކުދިންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮ ކަމަށް ސަމާލުކަން ދިނުމުގެ އިތުރުން ދަރިވަރުންގެ އުމުރާއި ގުޅޭ ގޮތުން ކޮވިޑް19 އާ ގުޅޭ މައުލޫމާތު ދިނުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރިއިރު މިހަފްތާ ތެރޭގައިވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށް "ޓެލިކިލާސް"ގެ ނަމުގައި ފިލާވަޅުތަކެއް ވަނީ ނަގާދީފައެވެ. އަދި އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށްވެސް ވަނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށްގެން ކިޔަވައިދީފައެވެ.
ސްކޫލުތައް ކުދިން ކުރިން އޮތީ އެއް ހަފްތާއަށް ބަންދު ކުރާ ގޮތަށެވެ. ނަމަވެސް ފަހުން އެޑިއުކޭޝަނުން ވަނީ ސްކޫލުތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައެވެ. އެއާއި އެކުގައި އެޑިއުކޭޝަނުން ވަނީ ޓިއުޝަން ކިލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތަކަށް ދަރިވަރުން ނުފޮނުވުމަށް ބެލެނެވެރިންނަށް އިލްތިމާސްކޮށްފައެވެ.