ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސްގެ އަލާމާތްތަކެއް ފެނިގެން އައްޑޫ ސިޓީ ހިތަދޫއިން ދިވެއްސެއްގެ ސާމްޕަލް ނަގައިފިއެވެ.

މި މީހާއަކީ އިންޑިއާގެ ކޮޗިން އިން އައި މީހެކެވެ. މި މީހާގެ އިތުރުންވެސް އިންޑިއާއިން ރާއްޖެ އައި ހަތަރު މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރަށް ދިޔަ މީހެއްގެ ސާމްޕަލް މާލެ ސިޓީން ނަގާފައިވާއިރު އިންޑިއާގެ ކޮޗިން އަށް ދިޔަ މީހެއްގެ ސާމްޕަލް ރ. ފައިނުން ވަނީ ނަގާފައެވެ. އަދި އިންޑިއާގެ ޓްރިވަންޑްރަމް އަށް ދިޔަ މީހެއްގެ ސާމްޕަލް އއ. އުކުޅަހުން ނަގާފައިވާއިރު ދ. ކުޑަހުވަދޫ އިން ވެސް ވަނީ މީހެއްގެ ސާމްޕަލް ނަގާފައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކޮވިޑް19 އަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 ގެ އަލާމާތެއް ކިރިޔާ ފެނުނު ނަމަވެސް މިހާރު ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. މަބްރޫކް ވިދާޅުވީ ސާމްޕަލް ނެގިފައިވާ އެންމެން ހޯމް އައިސޮލޭޝަންގައި ތިބުމަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިކަން މިކުރަނީ ކުރިއަށްވުރެ އެއްގިއަރު މައްޗަށް ޖައްސާލައިގެން ހަމަ އަލާމާތެއް ފެންނައިރަށް އެމީހަކު ޓެސްޓު ކުރަން ފަސް ނުޖެހި ވީހާވެސް އަވަހަކަށް ޓެސްޓު މިކުރަނީ ކޮންމެހެން އެ ކެޓަގަރީއަށް ނުފެތުނު ކަމުގައިވިއަސް،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޖުމްލަ 13 މީހަކު ވަނީ މިހާރު ވެސް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ހުސް ބިދޭސީންނެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންވެސް ހިމެނެއެވެ. މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފައެވެ.