ދުނިޔޭގައި ހަލުވިކަމާ އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައި ވާއިރު މި ހާލަތުން ރާއްޖެއަށް ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސީއެންބީސީ އަށް ދެއްވި އިންޓަވިއު އަކަށް ފަހު ޓްވީޓު ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ އަދުގެ ހާލަތު ބަނަވެފައި، ކުރިއަށް ލަފާކުރެވިފައި އޮތީ ނުތަނަވަސްކަން އިހުސާސްވާ ދުވަސްތަކަކަށް ވީނަމަވެސް، ހިތްވަރާ އަޒުމާ އަދި ހިކުމަތްތެރިކަމާއެކު، އެކުވެރި ގައުމުތަކުގެ އެހީއާވެސް އެކު ﷲގެ ހެޔޮ ރަހުމަތްފުޅުން ދިވެހިން ކުރިންވެސް ސާބިތުކޮށްދީފައިވާ ފަދައިން ހާލަތު ބަދަލުކުރެވޭނެ ކަމަށެވެ.
ސީއެންބީސީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ރޯގާއާއި، ރޯގާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ރާއްޖޭގެ އިގްތިސޯދަށް ބޮޑު އާމްދަނީއެއް ހޯދާ ދާއިރާއަކަށް ފަތުރުވެރިކަމުގެ ސިނާއަތު ވާއިރު، ރާއްޖެއިން ކޮވިޑް19 ޕޮޒިޓިވް ކޭސްއެއް ފެނުމުގެ މާކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރި ކަމަށެވެ. މިހާރުގެ އަންޒާދާތައް ދައްކާ ގޮތުން ފަތުރުވެރި ކަމަށް 35 އިންސައްތައިގެ ދަށްވުމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިފަދައިން ކަންތައް ދިމާވެއްޖެނަމަ އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއިން 446.6 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ގެއްލުން ވެދާނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް މި ދަނޑިވަޅުގައިވެސް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ވަނީ ކޮވިޑް19 ގެ 13 ކޭސްއެއް ފެނިފައެވެ. މިހާތަނަށް ކޮވިޑް19 ޖެހިފައި ވަނީ ހުސް ބިދޭސީންނަށެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިން ވެސް ހިމެނެއެވެ.