ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާ ގުޅިގެން ސްރީލަންކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މީގެކުރިން ރާއްޖެއަށް ދީފައިވާ އޮން އެރައިވަލް ވިސާ އެގައުމުން ހުއްޓާލައިފިއެވެ.

އެގައުމުން ވަނީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކަށްވެސް ދީފައިވާ އޮން އެރައިވަލް ވިސާ ހުއްޓާލާފައެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާ އަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ އަދި އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމެއް ކަމަށެވެ. އަދި ހާސަކޮށް ލަންކާއަކީ ސިއްހީ ފަރުވާ ހޯދުމަށް ދިވެހި ގޮސް އުޅޭ އެއް ގައުމުކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ކޮންމެހެން ލަންކާ އަށް ޒިޔާރަތްކުރަން މަޖްބޫރުވާ ފަރާތްތަކުން އެ ގައުމުގެ އިލެކްޓްރޯނިކް ވިސާ އޮތޯރިޓީގެ ވެބްސައިޓް (www.eta.lk)މެދުވެރިވެ ވިސާ ނަގަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެވަގުތެއްގައި ދަތުރުފަށާ ގައުމެއްގެ ހާލަތަށް ބަލާފައި، ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓީންގައި ތިބެންޖެހުން އެކަށީގެންވާކަމަށް ވެސް ސްރީލަންކާ ސަރުކާރުން އަންގަވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލުމަށް ލަންކާ ސަރުކާރުން ނިންމީ މިރޭގެ 23:30 އިން ފެށިގެން ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ސްރީލަންކާގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެއިތުރުން ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުންނާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ރެޖިސްޓާ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއް ކަމަށް ފޮރިން މިނިސްޓްރީއިން ފާހަގަކުރެއެވެ.