ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ވެސް މިހާރު ފެނިފައިވާއިރު އެ ވައިރަހަށް ޝައްކުވާ ދެ މީހަކު ސަފާރީއަކުން ފެނިއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ ސަފާރީއަކީ ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީއެއް ކަމަށެވެ. އަދި އެ ސަފާރީގައި ތިބި ދެ މީހެއްގެ ގައިން ކޮވިދް19 ގެ އަލާމާތްތައް ފެނިފައިވާތީ ސަފާރީގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޭސް އިތުރަށް ބެލުމަށްޓަކައި އެ ސަފާރީއަށް ހާއްސަ ޓީމެއް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިވަގުތު ސަފާރީވެސް އޮތީ މޮނީޓަރިންގައި ކަމަށެވެ.
ރާއްޖެއިން ވަނީ މިއަދާއި ހަމައަށް ކޮވިޑް19 ގެ 9 ކޭސްއެއް ފެނިފައެވެ. އެންމެ ފަހުން ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހާ ފެނުނީ އަނަންތަރާ ރިސޯޓުންނެވެ.
މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށީގައި މިވަގުތު 9 މީހަކު އެބަތިބި ކަމަށެވެ. އަދި ވިލިވަރު އައިސޮލޭޝަންގައި 17 މީހަކު އެބަތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގެ ގޮތުން ސިކްސް ސެންސަސް ލާމު ރިސޯޓުން ދެ ބިދޭސީއަކު އެ ރިސޯޓުގައި އައިސޮލޭޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން އައިސޮލޭޓު ކުރީ ރާއްޖެ އައުމުގެ ކުރިން އެ ދެ މީހުން ކޮވިޑް19 ޖެހިފައިވާ މީހަކާއި ކޮންޓެކްޓު ވުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް19ގެ ސަބަބުން ރާއްޖެއިން މިހާރު ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ އިއުލާން ކުރެއްވި މި ހާލަތު 30 ދުވަހުގެ މުއްދަތަކަށް ދެމިގެން ދާނެއެވެ.