ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ވެސް ފެނިފައި ވާއިރު، އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޗައިނާގެ ސިއްހީ މާހިރުންތަކެއްގެ އެހީތެރިކަން ރާއްޖެއަށް ފޯރު ކޮށްދިނުމަށް އެގައުމުން ނިންމުމުން އެކަމަށް ދިވެހި ސަރުކާރުން ދެކޮޅު ހެދި ކަމަށް އިދިކޮޅު ކޯލިޝަނުގެ ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތައް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދޮގު ކުރައްވައިފިއެވެ.

ޓްވިޓާގައި މީހަކު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒޭންގް ލިޒޯން ޓެގު ކޮށް ސަރުކާރުން އެފަދަ ކަމެއް ކުރިތޯ ސުވާލު ކޮށްފައެވެ. އަދި އެންމެ ކުޑަ މިނުން އާނ އެކޭ ނުވަތަ ނޫނެކޭ ވިދާޅުވުމަށް ވެސް އެދުނެވެ. ސަފީރު ޖަވާބުގައި ވިދާޅުވީ ނޫނެކޭއެވެ. އެހެންކަމުން އިދިކޮޅުން ދައްކަމުން ގެންދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަން ސަފީރުގެ މި ޖަވާބުން އެނގިގެން ދެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު ބޭސް ރާއްޖެއަށް ފޮނުވަދޭނެ ކަމަށް ޗައިނާ އިން ބުނުމުން، އެކަމަށް ދިވެހި ސަރުކާރުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރުން އެކަމަށް އިންކާރުކުރި ސަބަބު ސާފު ކޮށްދިނުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

ޝިޔާމްގެ އިތުރުން ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ ޝިޔާމްގެ ވާހަކައަށް ބާރު ލިބޭ ބީދައިން ވާހަކަދައްކަވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގެ ސިއްހީ މާހިރުންނަށް ލިބިފައިވާ ތަޖުރިބާއާއި ފަންނީ ލަފާ ޔޫރަޕާ ހިއްސާކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖެއަށްވެސް އެފަދަ އެހީތެރިކަމެއް ދޭން ތިބި ބަޔަކާއި އެކު މަސައްކަތް ކުރުން މި ދަނޑިވަޅުގައި މުހިންމު ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އެހީތެރިކަމެއް ޗައިނާއިން ހޯދުމަށް ފޮރިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ބޭފުޅަކު ހުރަސްނާޅުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އިދިކޮޅުން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު ކޮވިޑް19 އާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުޅި ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލި މަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ނިންމުމާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެހީވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ސިއްހީ މާހިރުންނާއި ހިދުމަތްތެރިންގެ ޓީމެއް ރާއްޖެއަށް ފޮނުވަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.