ވިލިމާލޭގައި ގާއިމް ކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާއާއެކު ލެޓާ އޮފް އެކްޗޭންޖްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަންގް ލީޒިންއެވެ.

ވިލިމާލޭގައި 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބޭއްވި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ވިލިމާލޭގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް އެ ގައުމުގެ ހިލޭ އެހީގައި އެޅުމަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.

ވިލިމާލޭގައި އަޅަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ރައީސް ވިދާޅުވީ ވިލިމާލޭގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަކީ ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށާއި މިހާތަނަށް ހައްލު ނުވެ އޮތް އެ މުހިއްމު މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށެވެ.

ވިލިމާލޭގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.