ކުޅުދުއްފުށީ ސިޓީގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު، ކޮންގް އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ހަފުތާގެ ތެރޭގައި މާލޭގައި ބޭއްވި މި ބައްދަލުވުމުގައި، މޭޔަރު އާތިފްގެ އަރިހުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ޗައިނާ ސަފީރުގެ ދައުވަތަކަށް މެންދުރުގެ ފަރިއްކޮޅަކާއެކު ކުރިއަށްދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުޅުދުއްފުށީގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށާއި، ހާއްސަކޮށް ސްޓެމް (STEM) އެޑިއުކޭޝަން ނުވަތަ ސައިންސާއި، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާއިން ދަރިވަރުން ބިނާކުރުމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކޮށް އާ އީޖާދުތަކަށް މަގުފަހިކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނެވެ.
ހަމައެއާއެކު، ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފެއްދުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ސިޓީގައި ކުރިއަށްގެންދިއުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ ޗައިނާ ސަފީރު ކޮންގް އާއި އެ ގައުމުގެ އެމްބަސީން ދެއްވި ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ސިޓީގެ ރައްޔިތުންނަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.
