ރާއްޖޭގައި މިދުވަސްވަރު ކޮވިޑް19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާއިރު ރޯގާ ޖެހޭ މީހުންގެ ނިސްބަތް އިތުރުވާނަމަ ކޮވިޑް19 އާ ގުޅިގެން ނެރެފައިވާ އެލާޓުގެ ހާލަތު ބަދަލުކުރުމާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.

ރާއްޖެއަށް މިހާރު ނެރެފައިވަނީ ޔެލޯ އެލާޓެވެ. ކެބިނެޓުގައި މަޝްވަރާ ކުރީ އެ އެލާޓު އޮރެންޖަށް ބަދަލު ކުރުމަށެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް19 އަކީ މުޅިދުނިޔެއަށް ފެތުރެމުން އަންނަ ބަލިމަޑުކަމެއް ނުވަތަ ޕެންޑެމިކެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން މިހާރު ކަނޑައަޅާފައި ވާތީ ރައީސް ސޯލިހު އެކަމާ ގުޅިގެން ވަޒީރުންނާއި މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުން ދާނަމަ، ރޯގާގެ ހާލަތު އޮރެންޖް އެލާޓަށް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ކަންތައްތައް ގެންދާނެ ގޮތާ މެދު ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން މިވަގުތު ރައްކާތެރި ކަމަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މީގެއިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުޑަ އިރުކޮޅެއްގެ ކުރިން ވަނީ ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކުރައްވާފައެވެ. އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އަކީ މުޅިދުނިޔެއަށް ފެތުރެމުން އަންނަ ބަލިމަޑުކަމެއް ނުވަތަ ޕެންޑެމިކެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވާތީ އާއި ރާއްޖެއާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މި ބަލި ފެތުރޭ މިންވަރަށް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.