ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުންދާ ކޮވިޑް19 ވައިރަސް ރާއްޖެއިން ވެސް މިހާރު ފެނިފައިވުމުން އެންމެ ބުއްދިވެރި ގޮތަކީ މިދުވަސްވަރު ރާއްޖޭގެ ސްކޫލުތައް ބަންދުކުރުން ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވެއްޖެއެވެ.
ދަރިވަރުންނަށް މިހާރު ލިބިފައިވާ މިޑްޓާމް ޗުއްޓީވެސް ނިމުމަކަށް އައިސްފައިވާ ކަމާއި މިފަދަ ދަނޑިވަޅެއްގައި ސްކޫލުތައް ހުޅުވުން ރައްކާތެރިތޯ ޓްވީޓާގައި މީހަކު ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ދެއްވާ ޑރ. ނިޔާފު ވިދާޅުވީ ބުއްދިވެރި ގޮތަކީ ސްކޫލުތައް ބަންދުކުރުން ކަމަށެވެ. ހާއްސަ ގޮތެއްގައި މަތީ ގްރޭޑުތަކާއި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަކީ ކުރެވޭނެ ކަމެއްތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށް ނިޔާފު ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން އަދި ސްކޫލުތައް ބަންދު ކުރަންޖެހޭ ހާލަތަކަށް ނުދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކު އަޒީޒް ވިދާޅުވީ އިއްޔެ ކަރަންޓީން ކުރި އެއްވެސް މީހެއް ކޮވިޑް19 އަށް ޕޮޒިޓިވްވި ނަމަވެސް ރާއްޖޭގެ ހާލަތު މިހާރު އޮތް ހާލަތުން ބަދަލުވާނެ ކަމަށެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ހާލަތު އޮތީ ސްކޫލުތައް ބަންދުކުރަންޖެހޭ ހާލަތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލުތައް ބަންދު ނުކުރި ނަމަވެސް ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ. ސްކޫލުތަކަށް އޭރު އެ އެންގުން އެޑިއުކޭޝަނުން އަންގާފައިވަނީ ރާއްޖޭގައި ކޮވިޑް19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވާއިރުއެވެ.
ރާއްޖެއިން ކޮވިދް19 އަށް 6 މީހަކު މިހާރު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން ހަތަރު ބިދޭސީއަކާއި ބަތަލާ ރިސޯޓުން ދެ ފަތުރުވެރިއެކެވެ.