ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ ބިދޭސީއަކު ސޭންޑީޒް ބަތަލާ އައިލެންޑު ރިސޯޓުން އެކަހެރި ކުރުމަށްފަހު ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސޭންޑީޒް ބަތަލާ އައިލެންޑް ގައި ތިބި ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ބިދޭސީން އެކަހެރި ކުރުމަށްފަހު ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ބަތަލާ ރިސޯޓުން މީގެކުރިން ޝައްކު ކުރެވިގެން ކަރަންޓީން ކުރި ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެއިތިރުން ކުރެއްދޫ އައިލެންޑު ރިސޯޓުން ޕޮޒިޓިވްވި ހަތަރު މީހުންނާއި އެކުގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހަކު ވަނީ ފެނިފައެވެ.
މިހާތަނަށް 71 މީހަކު ކޮވިޑް-19 އަށް ވަނީ ޓެސްޓު ކޮށްފައެވެ. އޭގެތެރެއިން 65 މީހަކު މި ބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި 11 ފަރާތެއް ފަރުކޮޅުފުށީގައި ވަނީ ކަރަންޓީން އަދި އެކަހެރިކޮށްފައެވެ. މި އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.