ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން، ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ކްލިނިކްގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ކަމަށެވެ. އަދި މިއީ އާންމުންނަށް ހުޅުވާލައިގެން ހިންގާ ކްލިނިކެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކޮވިޑް19 އާއި ގުޅިގެން ބަލިމީހުންނަށް ހާއްސަ ފްލޫ ކްލިނިކެއް ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ހުޅުވާފައިވާއިރު، މާލޭގައި ވަނީ ޓްރެވެލް ކްލިނިކެއްވެސް ހުޅުވާފައެވެ. މި ކްލިނިކު ހުޅުވާފައި ވަނީ ސިނަމާލެ ފުރަގަހުގައި އޮންނަ ހުސް ބިމުގައެވެ. އެ ކްލިނިކަކީ 24 ގަޑިއިރު ހިދުމަތް ދޭ ކްލިނިކެކެވެ.

ކޮވިޑް19 ޖެހިފައިވާ 6 މީހަކު ރާއްޖެއިން ވަނީ ފެނިފައެވެ. އެ މީހުންގެ ތެރެއިން ހަތަރު މީހަކީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ ހަތަރު ބިދޭސީއެކެވެ. ދެން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ސޭންޑީޒް ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ދެ ފަތުރުވެރިންނެވެ.

މިވަގުތު ފަރުކޮޅުފުށީގައި 9 މީހަކު އައިސޮލޭޓް ކޮށްފައިވާއިރު، ވިލިވަރުގައި 9 މީހަކު އައިސޮލޭޓް ކޮށްފައިވެއެވެ. އަދި އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓްވި 230 މީހުންގެ ތެރެއިން 83 މީހަކު ހޯން އައިސޮލޭޝަނުގައި ބަހައްޓާފައިވެއެވެ.