އިޓަލީއިން ރާއްޖެއަށް މިއަދު އައި ދެ ފްލައިޓުވެސް އައިސްފައި ވަނީ ރާއްޖޭގައި ތިބި އިޓަލީގެ ފަތުރުވެރިން ބަލައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް އައީ އިޓަލީގެ ދެ ފްލައިޓު ކަމަށެވެ. އަދި އެ ދެ ފްލައިޓުވެސް ރާއްޖެ އައީ ހުސްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބި އިޓަލީގެ ރައްޔިތުން ގޮވައިގެން މިއަދު އެ ދެ ފްލައިޓުވެސް ރާއްޖެއިން ފުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިޓަލީއަކީ ޔޫރަޕްގައި ކޮވިޑް-19 ވައިރަސް އެންމެ ގަދައަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ތިބި މީހުން ބަލާ ދެ ފްލައިޓެއް އައިސްފައިވާއިރު ބަތަލާ ރިސޯޓުގައި ހުރި އިޓަލީގެ ފަތުރުވެރިއަކު ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ކަރަންޓީން ކޮށްފައެވެ.

ކޮވިޑް-19 އިޓަލީގައި ފެތުރެމުންދާތީ އެގައުމުން ރާއްޖެއަށް ފަތުރުވެރިން އައުން ދިވެހި ސަރުކާރުން މިހާރު ވަނީ މަނާ ކޮށްފައެވެ. އެގޮތުން ރޭ 00:00 އިން ފެށިގެން އިޓަލީގެ އެއްވެސް ފްލައިޓެއް ފަތުރުވެރިން ގޮވައިގެން ރާއްޖެ އައުން ވަނީ ހުއްޓާލާފައެވެ.

ނުރައްކާތެރި މި ވައިރަސް މިހާރު ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. ރާއްޖެއިން މި ވައިރަސް ފެނުނީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފެއްގެ ގައިންނެވެ. އެ ދެ މީހުންވެސް ތިބީ ފަރުކޮޅު ފުށީގައި ކަރަންޓީން ކޮށްފައެވެ. އަދި ކުރެއްދޫ އަދިވެސް އޮތީ ލޮކްޑައުންގައެވެ.