މުސްލިމުންގެ ގިބްލަ ކަމުގައިވާ ކައުބަތުﷲ ގެފުޅު އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފިއެވެ.
މިފަދަ ގޮތަކަށް ކައުބާ ބަންދުކުރި މިއީ މިއީ ފުރަތަމަ ފަހަރެވެ. ސައުދީ ސަރުކާރުން މިގޮތަށް ކައުބާ ބަންދުކޮށްފައި މިވަނީ ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19ގެ ސަބަބުން އެ ސަރަހައްދު ސާފު ކުރުމަށެވެ. އަދި މިއީ ވަގުތީ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް ސައުދީން ބުނެއެވެ.
މީގެ ކުރިން ހަރަންފުޅު ސަހަރައްދު ސާފު ކުރުމަށް މިފަދަ ގޮތަކަށް ބަންދެއް ނުކުރެއެވެ. ސައުދީ ސަރުކާރުން ބުނީ ކޮވިޑް19 އަަށް ޖުމްލަ ފަސް މީހަކު އެގައުމުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އިތުރު ބައެއްގެ ޓެސްޓުތައް ހަދަމުންދާ ކަމަށްވެސް ސައުދީން ބުނެއެވެ.
ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކޮށްފައިވަނީ މިއަދު މެންދުރު ފަހުއެވެ. އެ ސަރަހައްދުގައި ތޮވާފް ކުރަން ތިބި އެންމެން ސިފައިން ވަނީ ނެރެފަައެވެ.
ކޮވިޑް19 ގެ ސަބަބުން ސައުދީން އަޅާފައިވާ ފިޔަވަޅުތައް ގަބޫލުކޮށް ރާއްޖެއިން ވެސް ވަނީ އުމްރާ ވެރިންގެ ވިސާ ދޫކުރުން ހުއްޓާލާ އެކަން ޓްރެވަލް އެޖެންސީތަކަށް އަންގާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި، އަދި، މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ހޯދާފައިވާ ފަރާތްތަކުގެ ވިސާ ކެންސަލްކުރެވިފައިވާ ކަމަށާއި ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެ ނިންމުން، ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންސީތާކާ ހިއްސާކޮށްފައި ކަމަށެވެ.