ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީން ކޮރޯނާ ވައިރަހުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގައިވެސް އެ ވައިރަސް ފެނިފައިވާ ކަމަށާއި އެ ވައިރަސް އެގައުމުތަކުން ފެނުނީ ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިން ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ހަތް ގައުމަކަށް ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެގޮތުން ޖަޕާނާއި ސިންގަޕޫރާއި ހޮންކޮންގާއި ތައިލެންޑާއި އީރާނާއި ސައުތު ކޮރެއާގެ އިތުރުން އިޓަލީ ހިމެނެއެވެ.

މީގެއިތުރުންވެސް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ބައެއް އެހެން ކަންކަމަށް ސަމާލުކަން ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އެއީ ދަތުރުކުރާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި، އަދި ބަލި ފެތުރޭ ސަރަހައްދުތައް ދެނެގަތުމާއި، އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަތުމެވެ.

އެޗްޕީއޭއިން ވަނީ، ރޯގާޖެހި ހުސް އައިސްފައި ތިބި މީހުންނާއި ކައިރީގައި ނޫޅުމަށާއި ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމަށް އިލްތިމާސްކޮށްފައެވެ. އަދި ސައިބޯނި ނެތް ނަމަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް ވެސް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ. ރޯގާ ޖެހި، ކެއްސާ، ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ގިނަ މީހުން ބައިވެރިވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާއިރު ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އެއްވުމެއް ބޭއްވުމުގެ މަސައްކަތް ބަޔަކު އަންނަނީ ކުރަމުންނެވެ. އަދި ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ލޯންޗު ކުރުންވެސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެޕާޓީން ވަނީ ވީހާވެސް ގިނަ މީހުން އެ ޖަލްސާގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.