މާތްވެގެންވާ އިސްލާމްދީނުގައި މުސްލިމުން ކުރުމަށް ހަރާމް ކޮށްފައިވާ އެތައް ކަންތައްތަކެއް ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ މީހަކު ބާރު އަޅާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

މިއީ އަލީ ވަހީދުގެ އަޑުން މިފަދަ އޯޑިއޯއެއް ލީކުވާ ފަސްވަނަ ފަހަރެވެ. މިރޭ 21:00 ހާއިރު ލީކްސްއެމްވީ ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން ލީކުކުރި މި އޯޑިއޯގައި އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ މީހާ އިތުރު މީހެއް ގާތުގައި ބުނަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށް ގުޅާފައި އަލީ ވަހީދަށް ގުޅުމަށް ބުނުމަށެވެ. އަދި އެ މެންބަރަކީ ވަރަށް "ލަދުހަޔާތް" ކުޑަ މެންބަރެއް ކަމަށާއި މަޖިލިސް ތެރޭގައި ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނެ ކަމަށް އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ މީހާ ބުނެއެވެ.

އަދި އޭގެފަހުން އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ މީހާ ދައްކަމުން ދަނީ ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ރީތި ވާހަކައެވެ. އަދި އެކަމަނާ އަލީ ވަހީދަށް ގުޅުއްވާ ވާހަކައާ އަލީ ވަހީދާ އެކުގައި ގޯސް އަމަލުތަކެއް ހިންގަން ބޭނުންފުޅުވާ ކަމަށް ވިދާޅުފައިވާ ކަމަށް އެ އޯޑިއޯގައި އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ މީހާ ބުނެއެވެ.

އޭގެފަހުން އެ އޯޑިއޯގައި ދެވަނައަށް އަޑުއިވޭ މީހާ ކަމަށް ބުނާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ، ހޭ އަޑު އިވިގެންދެއެވެ. އަދި ހަމައެއާއެކުގައި އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ މީހާއާ އައްސަދުގެ އަޑުން ވާހަކަދައްކާ މީހާ މިނިސްޓަރު ނަހުލާ ގޮވައިގެން "ޕާޓީ" ކުރުމަށް ތަނަކަށް ދާން ރާވައެވެ.

"ބުދަ ދުވަހު ދާނީ، ރަސްމީ ދަތުރެކޭ ބުނެފައި ބުރާސްފަތި ދުވަހު ދާނީ ޗިކުންނާއި އެކީގައި ޕާޓީ ކޮށްލަން،" އަލީ ވަހީދުގެ އަޑުން ވާހަކަދެއްކި މީހާ ބުންޏެވެ.

މި އޯޑިއޯތަކަކީ އިއްޔެ ރެއިން ފެށިގެން ލީކުވަމުން އަންނަ އޯޑިއޯތަކެކެވެ. މި އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު ދައުރުވަމުންދާ އޯޑިއޯގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް "ހަޑިހުތުރުބަހުން" އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ އޯޑިއޯއެއްވެސް ވަނީ އާންމުވެފަވެއެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރުގެ "ޕޮލިސީ" ފެއިލް ކޮށްލާނެ ކަމަށް ބުނާ އޯޑިއޯއެއް އާންމުވެފައި ވާއިރު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ކަމަށް ބުނާ އަންހެން މީހަކާއި އަލީ ވަހީދުގެ އަޑުން ބޭއަދަބީ ވާހަކަ ދައްކާ އޯޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.