ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެހެންނަމަވެސް ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނީ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ހަމައެއާއެކުގައި މިދުވަސްރަކީ ދައުލަތުގެ ހަރަދުތައްވެސް ކުޑަ ކުރުމަށް ސަރުކާރުން ނިންމާފައިވާ ދުވަސްވަރެއް ކަމަށް ފިނޭންސުން ބުނެއެވެ. އެހެންނަމަވެސް ފިނޭންސުން ބުނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން ކުރަމުން އަންނަ ކަމަށްބުނެފައެވެ. '
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ލޮޅުންއަރާނެ ކަމަށާއި އޭގެ ގެއްލުންތައް އިގްތިސާދުން ފެންނަން ފަށާނީ ދެތިން މަސް ފަހުން ކަމަށެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައްކެއް ވެސް އަޅާފައެވެ. އެގޮތުން އަލަށް ވަޒީފާތައް ނުއުފެއްދުމަށާއި މަރާމާތުގެ ހަރަދުތައްވެސް ކުޑަ ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.