މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެމްއެސްޑީ އޮފީހަށް ވަޑައިގަތުމުގެ ކުރިން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އާ އިންތިޒާމެއް ތައާރަފުކޮށްފިއެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބޭފުޅަކު ބޭނުންވާ ތާރީހަކާއި ވަގުތެއް އިހްތިޔާރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެމްއެސްޑީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް "ބުކް އެޕޮއިންޓްމަންޓް" ހިޔާރުކުރެއްވުމަށްފަހު، އެދޭ ހިދުމަތަކާއި ވަގުތެއް ކަނޑައަޅައިގެން ފަސޭހަކަމާއެކު ބުކިން ހެއްދެވޭނެއެވެ. މި އިންތިޒާމުގެ ދަށުން އެކައުންޓް ހުޅުވުމާއި، ސެޓްފިކެޓް ޕްރޮސެސްކުރުމުގެ އިތުރުން ހިއްސާދާރުންނާ ގުޅުންހުރި އެކި ހިދުމަތްތަކަށް ވަގުތު ހަމަޖެއްސޭނެއެވެ.

މި ބަދަލަށް އަހުލުވެރިވުމަށްޓަކައި ދެވޭ ތިން މަސްދުވަހުގެ މުއްދަތުގައި، އެޕޮއިންޓްމަންޓް ނުހައްދަވައި ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ޖާގަ އޮތް މިންވަރަކުން ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި މުއްދަތު ހަމަވުމަށްފަހު އޮފީހުން ހިދުމަތް ލިބޭނީ ހަމައެކަނި ކުރިން އެޕޮއިންޓްމަންޓް ހައްދަވައިގެން ވަޑައިގަންނަވާ ފަރާތްތަކަށެވެ. އެހެންކަމުން، އޮންލައިން ބުކިން ހިދުމަތް ބޭނުންކުރެއްވުމަށް އެމްއެސްޑީން އެދެއެވެ.

މި އާ ހިދުމަތާ ގުޅޭގޮތުން އެމްއެސްޑީގެ ސީއީއޯ ނޫރުބާން ފަހުމީ ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެމްއެސްޑީގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދީ، ވީހާވެސް އަވަހަށް ހިދުމަތް ލިބޭނެ މަގު ފަހިކުރުން. އިންވެސްޓަރުންނާއި ހިއްސާދާރުންނަށް އިތުބާރާއި ފަސޭހަކަމާއެކު މުއާމަލާތްކުރެވޭނެހެން، އަޅުގަނޑުމެންގެ ޑިޖިޓަލް ހިދުމަތްތަކާއި ކަސްޓަމަރުންނަށް ސީދާ ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަމުން ގެންދާނަން،"
އެމްއެސްޑީ ސީއީއޯ ނޫރުބާން ފަހުމީ

އެމްއެސްޑީއަކީ ރާއްޖޭގެ ސެކިއުރިޓީސްގެ މިލްކުވެރިކަމުގެ ރަސްމީ ރެކޯޑުތައް ބަލަހައްޓައި، އިންވެސްޓަރުންނާއި ލިސްޓުކޮށްފައިވާ ކުންފުނިތަކަށް ބޭނުންވާ ސެކިއުރިޓީސް އެކައުންޓް، ހިއްސާގެ ދަފްތަރު އަދި މިލްކުވެރިކަން ބަދަލުކުރުމުގެ ހިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާއެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) މެދުވެރިކޮށް ހިންގާ މުއާމަލާތްތައް ސެޓްލްކުރުމުގެ މަސައްކަތްވެސް ކުރަނީ އެ ކުންފުނިންނެވެ.

މި ހިދުމަތްތަކުގެ އިތުރުން، އީފާސް ބޭނުންކޮށްގެން ވަދެވޭ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް އިންވެސްޓްމަންޓްތައް ބަލައިލުމާއި އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގެ ފުރުސަތު އިންވެސްޓަރުންނަށް އޮވެއެވެ. އަދި ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާތަކުގައި ބައިވެރިވެ، އޮންލައިންކޮށް ވޯޓު ލުމަށް އެމްއެސްޑީގެ "ފަހިވޯޓު" ޕްލެޓްފޯމް ބޭނުންކުރެވެއެވެ.

އެމް.އެސް.ޑީގެ ކަސްޓަމާ ސާވިސް ކައުންޓަރުގެ ހިދުމަތް ލިބޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ (އާދީއްތައިން ބުރާސްފައްޗަށް) ހެނދުނު 9:00 އިން މެންދުރުފަހު 2:30 އަށް، ހ. ގަދަމޫ ބިލްޑިންގެ 3 ވަނަ ފަންގިފިލާއިންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް ވެބްސައިޓް އަށް ޒިޔާރަތްކުރެއްވުމަށް ނުވަތަ 3307878 އަށް ގުޅުއްވުމަށް، އަދި އީމެއިލް ކުރެއްވުމަށް އެމްއެސްޑީން އެދެއެވެ.